މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ އަލުން އެކުލަވާލައިފި އެވެ.
ރައީސް ޢަބްދުﷲ ޔާމީން އަލުން ކޮމެޓީ ހިއްވެވި އިރު ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ ޑރ. މުޙަންމަދު ޝައިނީއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގ. ވައިޖެހޭގެއާގޭ ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މާފަންނު އެމޭޒަން ޑޮކްޓަރ މަރްޔަމް ސުޒީ އާދަމާއި، މާފަންނު ހުކުރަދިގޭ ޑރ. އިބްރާހީމް ޔާސިރު އަޙްމަދެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ