ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ވަމީގާ ރަންވީރާ އެކު
ދާދިފަހުން ރިލީޒްވި އެކްޝަން ފިލްމު "ބޭބީ ޖޯން"ގެ މުހިއްމު ރޯލްއިން ފެނުނު ބަތަލާ ވަމީގާ ގައްބީއަށް އިތުރު ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ވަމީގާއަށް ފުރުސަތު ލިބިފައި ވަނީ މީގެކުރިން ވެސް ސުޕަހީރޯ ޑްރާމާތައް ގެނެސްދީފައިވާ މަޅަޔާލަމް ޑައިރެކްޓަރު ބަސިލް ޖޯސެފް އުފައްދަން ނިންމާފައިވާ ފިލްމަކުންނެވެ. ރަންވީރު ސިންގް ލީޑްރޯލްއިން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފައިވާ މި ފިލްމަކީ މަޝްހޫރު ސުޕަހީރޯ ޑްރާމާ "ޝަކްތީމަން"ގެ ކެރެކްޓާއަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން މި ފިލްމުގެ ބަތަލާގެ ރޯލަށް ވަމީގާ ގެނައުމުގެ މަޝްވަރާތައް ބަތަލާއާ އެކު ވަނީ ކޮށްފައެވެ. ނަމަވެސް ފިލްމު ރަސްމީކޮށް އިއުލާނުކޮށްފައި ނުވާތީ ފިލްމާ ބެހޭ މައުލޫމާތު ސިއްރު ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ވަމީގާ ފިލްމު "ބޭބީ ޖޯން"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ މި ފިލްމާ ގުޅޭ މަޝްވަރާތަކާ އެކު ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރު ވެފައިވާ ކަމަށާއި ރަންވީރާ އެކު ބަތަލާގެ ރޯލަށް ގެންނަން ބޭނުންވަނީ ސްކްރީނަށް އާ މޫނެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމުގެ މަސައްކަތް މިހާރު ވަނީ ޕްރީ-ޕްރޮޑަކްޝަންގެ މަރުހަލާގައި ކަމަށާއި ކާސްޓުން ހަމަވިހާ އަވަހަކަށް އެކަން އިއުލާނުކުރާނެ ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ. އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ވަމީގާ އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ޓީވީ ސީރީސްތަކުން ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާއެކެވެ. ފިލްމު "ބޭބީ ޖޯން"ގައި ބަތަލާ ކުޅުނު ރޯލަށްފަހު އިންޑިއާގެ 'ނިއު ނެޝަނަލް ކްރަޝް'ގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ވަމީގާ ސިފަކުރަމުންނެވެ. ފިލްމު "ބޭބީ ޖޯން"އަށްފަހު ވަމީގާއަށް ގިނަ ފިލްމުތަކުން ފުރުސަތުތަކެއް ލިބެމުން އަންނައިރު ބަތަލާ ވަނީ މި އަހަރު މިހާތަނަށް ހަތް ފިލްމަކަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި އަކްޝޭ ކުމާރުގެ ފިލްމު "ބޫތު ބަންގްލާ" އަދި "ދިލްކާ ދަރުވާޒާ ކޯލް ނާ ޑާލިންގް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ