ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މަނާކުރާކަށް ނޫޅެން: ސަރުކާރު

ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކް ކުރުމަށް ސަރުކާރުން ނުވިސްނާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން 'އެކްސް' ބްލޮކް ކުރަން އުޅޭ ކަމަށް ފުރަތަމަ ވާހަކަ ފެތުރުނެވެ. އެކަން ވެސް ސަރުކާރުން ދޮގުކޮށްފައިވަނިކޮށް ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ވެސް ބްލޮކް ކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މިޑީއާގައި މިހާރު ވަނީ އަޑުފެތުރިފަ އެވެ.
ބުނީ ކީކޭ؟ - "ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެ އެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވެ އެވެ،" ހީނާ ވަލީދު 'އެކްސް'ގައި ލިޔުއްވި އެވެ.
ހީނާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން، ގާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.
ފާހަގަކޮށްލެވޭ - ރަޖިސްޓްރީނުކޮށް ހިންގާ ބައެއް ނޫސް ވެބްސައިޓްތަކުގައި ސަރުކާރުގެ ވެރިންނާ ގުޅޭ ގޮތުން އެކި ވާހަކަ ފަތުރައިގެން ސަރުކާރުން ފުރަތަމަ އެ ވެބްސައިޓްތައް ބްލޮކްކުރި އެވެ. ފަހުން ފާޑުކިޔުން އަމާޒުވުމުން އެ ސައިޓުތައް ދޫކޮށްލި އެވެ.
ގުޅުން ހުރި - މީޑިއާ ކައުންސިލުން ވެސް ބުނާ ގޮތުގައި، އެ ކައުންސިލަށް ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ އެންމެ ގިނަ ޝަކުވާ އަންނަނީ ދައުލަތުގެ މުއައްސަސާތަކުގެ ފަރާތުންނެވެ. އެގޮތުން، މީޑިއާތަކުގައި ޝާއިއުކުރި ކޮންޓެެންޓާ ގުޅިގެން ރައީސް އޮފީހުން އެކަނި 80އަށް ވުރެ ގިނަ ޝަކުވާ މިދިޔަ އަހަރު ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ