ޒަކާތު ފަންޑުން 180 މީހަކަށް އެހީ، ގިނައީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތައް

މިދިޔަ މޭމަހު ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 180 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޒަކާތު ހައުސްއިން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ މޭ މަހު، ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދީފައިވާގޮތުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 4 ކަމަކަށް ޒަކާތު ފަނޑުން އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށެވެ. އަދި އެހިނެހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ.
• ކެންސަރަށް ފަރުވާކުރުމަށް 454،574 ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް 67،848 ރުފިޔާ
• ކިޑްނީ ބަލިތަކަށް 89،050 ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންތަކަށް 72،088 ރުފިޔާ
• އެހެނިހެން ބަލިތަކަށް 619،113 ރުފިޔާ
ތަފާސްހިސާބުތައް ދައްކާގޮތުން މޭމަހު ޖުމްލަ 1.2 މިލިއަން ރުފިޔާވަނީ އެހީގެގޮތުގައި ހަރަދުކޮށްފައެވެ. އަދި އެމަހުގެތެރޭ އެހީގެގޮތުގައި ވަނީ ޖުމްލަ 1.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މޭ މަހު ކުރެވިފައިވާ ޚަރަދުތަކުގެތެރޭގައި އޭޕްރިލް މަހު އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ޚަރަދުތައްވެސް ހިމެނިފައިވާނެ ކަމަށް ޒަކާތު ހައުސްއިން ހާމަކުރެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އެހެނިހެން ޚަރަދުތަތަކުގެ ތަފްސީލްތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެހެނިހެން ޚަރަދުތަކުގެތެރޭގައި ހިމެނެނީ ފިޠުރުޒަކާތުގެގޮތުގައި ދޫކޮށްފައިވާ ފައިސާ އާއި ޒަކާތުގެ މަސައްކަތްކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން ކުރެވިފައިވާ ޚަރަދެވެ. އިދާރީ މުވައްޒަފުންގެ އުޖޫރައިގެގޮތުގައި މޭ މަހު ވަނީ 2.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން ބުނީ މޭ މަހު ފިޠުރުޒަކާތުގެގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދަކަކީ އިދާރީ އަދި އެކައުންޓުތަކުގެ މައްސަލަތަކާއި ގުޅިގެން ރައްދުކުރެވިފައިނުވާ ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާ ކަމަށެވެ. އެގޮތުން 41937 ރުފިޔާވަނީ ފިޠުރު ޒަކާތުގެގޮތުގައި މޭ މަހު ދޫކޮށްފައެވެ.
މީގެ ކުރިން ފިޠުރުޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދެވި ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޚާއްސަކޮށް އުފައްދަވާފައިވާ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. މޯލްޑިވްސް ޒަކާތު ހައުސް ރައީސް އުފައްދަވާ، މި އިދާރާ އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ