ރައީސްގެ ދަތުރުފުޅުން އިއްޔެގެ ހަތަރު ރަށް، ރައްޔިތުން މުއްސަނދި ވާނެ ކަމުގެ ޔަގީންކަން

"ލުއިތައް ރައްޔިތުންނަށް ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ރައްޔިތުން ތިބީ ވަރަށް ހާލުގައި. ރާއްޖޭގެ އިގުތިސޯދު އޮތީ ވަރަށް ހާލުގައި." މިއީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޝުއޫރުތަކެވެ.
ވެރިކަމުގެ މިހާ ކުރީކޮޅު ރައްޔިތުންގެ ކައިރިއަށް ގޮސް ހާލު ބަލާ، ހިޔާލާ މަޝްވަރާވެސް އެ ހޯއްދަވަނީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭން އެމަނިކުފާނު އެދިލައްވާތީ އެވެ. ރައްޔިތުންނަށް އެތަށް ލުއިތަކެއް ދެއްވަމުން، ގައުމު ވެއްޓިފައި މިއޮތް އިގްތިސޯދީ އަނދަވަޅުން ސަލާމަތް ކުރުމަށް އެ ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ.
ރައީސް މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ ބުނެވޭ ވަރުވެ އެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމަށް ރިޔާސީ ކެމްޕޭނު ތެރޭގައި ވެ ވަޑައިގެން ވައުދު ފުއްދެވުމުގެ ގޮތުން ވެރިކަމަށް ތިން މަސް ނުވަނީސް އެމަނިކުފާނު އެ ވަނީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ދަތުރުފުޅު ފައްޓަވާފަ އެވެ. އެކި ރަށްރަށަށް ވަޑައިގެން އެރަށެއްގެ ކައުންސިލާ ބައްދަލު ކުރެއްވުމުގެ އިތުރުން މަޝްރޫތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރެއްވުމަށް ޖަލްސާވެސް ބާއްވަ އެވެ.
ރ. އަދި ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ ރ. އަތޮޅުގެ ތިން ރަށަކަށާއި ބ. އަތޮޅުގެ ރަށަކަށް ވަޑައިގެންފަ އެވެ. ރައީސް އިއްޔެ ވަޑައިގެންނެވީ ރ. އުނގޫފާރު، ރ. ދުވާފަރު، ރ. އިނގުރައިދޫ އަދި ބ. އޭދަފުއްޓަށެވެ. އެރަށްތަކުން ރައީސްއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ރ. އުނގޫފާރަކީ ރައީސް މުއިއްޒު ރ. އަދި ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށެވެ. އުނގޫފާރަކީ 1,222 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިއީ އިއްޔެ ރައީސް ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. ނަމަވެސް އުނގޫފާރަށް ރައީސް ވަޑައިގެންނެވުމުން އެ އަތޮޅު ދުވާފަރުން މަރުހަބާ ކިޔަން ނިކުތް މީހުންނަށް ވުރެ ގިނަ މީހުން ނިކުމެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. އުނގޫފާރަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
އުނގޫފާރުން ރަތް ދޫލައިގައި ރައީސްއަށް މަރުހަބާ ދައްނަވަން އެރަށު ރައްޔިތުންނާ ކައުންސިލް މެންބަރުންވެސް ތިއްބެވެ. އެރަށަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ އިސްވެގަތީ އުނގޫފާރު ރައްޔިތުންގެ ފަރާތުން އެރަށު ކައުންސިލުން ހުށަހަޅުއްވަން ހުރި ކަންކަމުގެ ވާހަކަތައް އަޑު އެއްސެވުމަށެވެ.
މި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ރައީސަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ހައުސިން މަޝްރޫއެއް ހިންގަން ބޭނުންވާކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި ސްކޫލުގެ އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައި ދެއްވުން ހިމެނެ އެވެ. އަދި އިތުރު 16 ކްލާސްރޫމެއް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަ ކުރި އެވެ.
އުނގޫފާރު ކައުންސިލުން އެދުނު އެންމެ ބޮޑު އެއް ކަމަކީ އިގްތިސޯދީ މަސައްކަތް ކުރުމަށް ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް އުނގުލު ވައްދައިދިނުމެވެ. ރައީސް ވަނީ ރަށްރަށުގެ ކައުންސިލްތަކަށް ފަޅުރަށްތަކަށް ދޫކުރުމުގެ ތެރެއިން ރ. އުނގޫފާރު ކައުންސިލާއި ރަށުގެ ރައްޔިތުން ބޭނުންވާ ރ. އުނގުލު ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ވައްދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރ. ދުވާފަރަކީ ރައީސް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ރަށަކީ އިއްޔެ ވަޑައިގެންނެވި ހަތަރު ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު ރަށެވެ. ދުވާފަރުގެ އާބާދީއަކީ 3،156 މީހުން ނަމަވެސް އިއްޔެ މެންދުރުގެ ވަގުތުގައި ރައީސް ވަޑައިގެންނެވުމުން އާބާދީއާ ބަލާއިރު އެންމެ ފިނި ތަރުހީބެއް ލިބިގެން ދިޔައީ މިރަށުންނެވެ. އެރަށުގެ ބައެއް ރައްޔިތުންނާ ސުވާލުކޮށްލުމުން ބުނީ އެއީ މެންދުރުގެ ވަގުތުކަމަށްވުމުން ގިނަ ބަޔަކަށް ނިކުންނަން އުނދަގޫވީ ކަމަށެވެ.
ދުވާފަރަށް ވަޑައިގެންނެވުމަށް ފަހުވެސް ރައީސް އެންމެ ފުރަތަމަ އަވަސްވެގެންނެވީ ރަށު ކައުންސިލާ ބައްދަލުކޮށް ރައްޔިތުން އެދޭ ކަންކަން ދެނެގަތުމަށެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަނދަރު ބޮޑުކުރުމާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ގާއިމުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށްވެސް ރައީސްގެ އަރިހުން އެދިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. ދުވާފަރަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ދުވާފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. މީގެ އިތުރުން އެރަށުގެ ހިއްކި ސަރަހައްދުން ރައްޔިތުންނަށް މަންފާ ހޯދޭނެ ކަންކަން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ރަށު ހޮސްޕިޓަލަށް އަންހެނުންނަށް ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.
އިއްޔެ ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ދެން ވަޑައިގެންނެވީ ރ. އިނގުރައިދޫ އަށެވެ. އިނގުރައިދޫ އަކީ 1,531 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރައީސް އިނގުރައިދޫއަށް ވަޑައިގެންނެވީ ހަވީރުގެ ވަގުތު އެވެ. އެރަށުން ރައީސްއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އިނގުރައިދޫއަށް ރައީސް ވަޑައިގެންނެވުނު ވަގުތުގެ ގޮތުން ރައީސް ނިންމެވީ ކައުންސިލާ ބައްދަލު ކުރެއްވުމުގެ ކުރިން ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ގޮތުން ޖަލްސާއެއް ބާއްވާފަ އެވެ. މިއީ މަގްރިބް ނަމާދުގެ ވަގުތާއި ޖަލްސާ ދިމާވެދާނެތީ ރައީސް ނިންމެވި ނިންމެވުމެކެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިނގުރައިދޫ ކައުންސިލްގެ ރައީސް ވަނީ އެރަށުގެ ކައިރިން އޮންނަ ފައިނުގައި އެއާޕޯޓު އަޅައިދެއްވުމަށް އެދިފަ އެވެ. އަދި ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާ ބަނދަރާ ގުޅިގެން ބޭނުންވާ ކަންކަމާއި ސްލިޕްވޭއެއްގެ މުހިންމުކަންވެސް ރައީސްގެ ސަލާމުކަމަށް ގެނެސްދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. ދުވާފަރު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން
އިނގުރައިދޫން އެދުނު ކަންކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށްފަހު ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއަށް ފަހު އަތޮޅަށް އެންމެ ފައިދާ ބޮޑު ގޮތަކަށް އެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެއާޕޯޓް އަޅާނެ ސީދާ ތަނެއް ރައީސް ވިދާޅުވެފައެއް ނުވެ އެވެ.
އިއްޔެގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ރައީސް ވަޑައިގެންނެވީ މިދަތުރުގައި އެމަނިކުފާނު ވަޑައިގެންނެވި އެންމެ ތާއީދު ބޮޑު ރަށަށެވެ. 2,335 މީހުންގެ އާބާދީއެއް އޮންނަ އޭދަފުއްޓަށެވެ. އެރަށަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ނިސްބަތްވާ ރަށެވެ. މި ރަށުން ފެނިގެން ދިޔަ އެންމެ ތަފާތު އެއް ކަމަކީ ރައްޔިތުންނަށް ސަފު ހަދަންވީ ގޮތް ކިޔާދެއްވާ ސަފު ސީދާ ކުރެއްވުމުގައި އިސްނަންގަވައިގެން މެންބަރު ސަލީމް ކުރެއްވި މަސައްކަތްފުޅެވެ.
އޭދަފުށިން ރައީސްއަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް އެތަށް ބަޔަކު އައި އިރު ބަނދަރު މަތީގައި ދެ ސަފު ވަނީ ހަދާފަ އެވެ. މީގެ އިތުރުންވެސް އެ ހިސާބުގައި އިތުރު މީހުންވެސް މަޑުކޮށްލައިގެން ތިއްބެވެ.
ރައީސް އޭދަފުއްޓަށް ވަޑައިގެން އާންމުކޮށް ނަގާ ވަރަށްވުރެ ގިނަ ވަގުތު ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ބޭނުންފުޅުވި އެވެ. އޭދަފުއްޓަށް ރައީސް ވަދައިގެންނެވީ ރޭގަނޑުގެ ވަގުތުގަ އެވެ. އެރަށަށް ވަޑައިގެން ރައީސް ބޭނުންފުޅުވީ މާ ލަސް ނުކޮށް ޖަލްސާ ބޭއްވުމަށެވެ. މި ޖަލްސާ ވެގެން ދިޔައީ އޭދަފުށި ރައްޔިތުންނަށް ލިބުނު ބޮޑު އުފަލަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ބ. އޭދަފުށި ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭދަފުށި ކައުންސިލުގެ އިސްތިސޯސް ތެރެއަށް އެރަށް ކައިރީ އޮންނަ މާއްޑޫ ލާފާވާ ކަމަށެވެ. އަދި އެކަމުގެ ލިޔުންތައް އަންނަ ހަފްތާގައި ކައުންސިލާ ހަވާލުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މާއްޑޫ އޭދަފުއްޓަށް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މާއްޑޫއަކީ އިގްތިސޯދީ މަސައްކަތް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކަށް ފަޅުރަށްތައް ދިނުމަށް ސަރުކާރުން ނިންމި ފަހުން ރަށެއްގެ ކައުންސިލާ ހަވާލު ކުރާނެކަމަށް އިއުލާން ކުރި ފުރަތަމަ ފަޅު ރަށެވެ.
މިއީ އޭދަފުށީ ރައްޔިތުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ރައްޔިތުން މުއްސަނދި ކުރުވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތުގައި ހުޅުވާލި ފުރަތަމަ ދޮރެވެ. ރައީސް އެދެނީ ރައްޔިތުން މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގުގައި ހިފުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ