ބީހައިވް ހޮޓަލަށް އެއްލައްކަ ޑޮލަރު ދެއްކުމަށް އެފްއޭއެމްއެގެ މައްޗަށް ހުކުމްކޮށްފި

ބީހައިވް ހޮޓަލްސް ޕްރައިވެޓް ލިމިޓެޑަށް 102،186.87 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް މިއަދު ހުކުމްކޮށްފިއެވެ.
އެފްއޭމްއެއާ ދެކޮޅަށް ބީހައިވުން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ އެ ހޮޓަލުން ހިދުމަތްތަކެއް ހޯދުމަށްފަހު، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެފްއޭއެމުން ހިދުމަތައް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންވެ ބީހައިވުން ފައިސާ ދައްކާފައިނުވާތީ ލިބެމުންދާ ގެއްލުމަށާއި ފައިސާ ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް ދެ ޕަސަންޓުގެ ރޭޓުން އެފްއޭއެމުން ދެއްކުމަށް ހުކުމްކޮށް ދިނުމަށެވެ.
އެ ދައުވާއަށް އެފްއޭއެމުން ވަނީ އެއްބަސްވެފައެވެ. އެފްއޭއެމުން ބުނީ 102،186.87 ރުފިޔާ ބީހައިވް ދައްކަން ޖެހޭކަމަށް އިއުތިރާފުވާ ކަމަށާއި ނަމަވެސް ގެއްލުމުގެ ބަދަލުގައި ހޯދުމަށް ބީހައިވުން އެދިފައިވާ މިންވަރު ދައުވާގައި ބަޔާންކޮށްފައިނުވާ ކަމަށާއި އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ އެއް ދެއްކުމަށް އިންކާރުކުރާ ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި އެފްއޭއެމުން، ބީހައިވަށް 102،186.87 ޑޮލަރު ދައްކަންވާނެ ކަމަށެވެ. އަދި އެ ފައިސާ ބީހައިވަށް ދައްކަންވާނީ ސިވިލް ކޯޓު މެދުވެރިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ