މަޖިލީހަށް އަލަށް ހުށައަޅަންޖެހޭ ގާނޫނުތައް ހުށައަޅަން އިދާރީ މަސައްކަތްތައް ކުރިއަށް އެބަދޭ: ހީނާ

ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށައަޅަން ޖެހޭ ގާނޫނު ތައް ހުށައެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، 20 ވަނަ  މަޖިލިސް ފެށުމާއި އެކީގައި މަޖިލިހަށް ހުށައަޅަން ބޭނުންވާ ވަރަށް މުހިންމު ގާނޫނުތަކެއް ހުރި ކަމަށާއި އޭގެ ތެރޭގައި ހަފްތާ 14 ގެ ތެރޭގައި ހުށައެޅިފައިހުރި ގާނޫނުތަކެއް ވެސް ހިމެނޭ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަފްތާ 14 ގައި ހުށައެޅިފައި ހުރި ގާނޫނުތައް ކަމަށާއި، އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ގުޅުން ހުރި ގާނޫނުތައް، ޖިނާއީ އަދުލުގެ ގާނޫނުތަކާއި، އިޖުތިމާއީ ރައްކާތެރިކަމާއި ގުޅުން ހުރި ގާނޫނުތަކާއި ދައުލަތުގެ ހިންގުމުގެ ނިޒާމާއި ގުޅުން ހުރި ގާނޫނުތައް ހުރިކަމަށް ހީނާ ވިދާޅުވިއެވެ.
މިހާރު އޮތް 19 ވަނަ މަޖިލީހުގެ ބާކީ އޮތީ އެންމެ ޖަލްސާއެއްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ދައުރު ނިމިގެން ދާއިރު ނުނިމި ހުރި ގާނޫނު ތަކެއް ހުރި ކަމަށާއި އެ ގާނޫނު ތައް އަލުން ހުށައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި:
1) ބިމާއި ބެހޭ ގާނޫނު
2) ރިއަލް އެސްޓޭޓް ވިޔަފާރި އާއި ބެހޭ ގާނޫނު
3) އިޖުތިމާއީ ބޯހިޔާވަހިކަމުގެ ގާނޫނު
4) އާބަން ޑިވެލޮޕްމެންޓް ގެ ގާނޫނު
5) ކޮޕީ ރައިޓްސް ގެ ގާނޫނަށް ގެންނަ އިސްލާހު
6) ޕްރިވެންޓިވް ހެލްތު ކެއާގެ ގާނޫނަށް ގެންނަ އިސްލާހު
7) އެސްޑީއެފް ގެ ގާނޫނު
8) ކަފާލާތުގެ ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެންނަ އިސްލާހު
" އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ދެން މިއޮތީ އެންމެ ޖަލްސާ އެއް ބާކީ. އެ ޖަލްސާ ނިމުމާއި އެކީގައި ދެން ކޮމިޓި ތަކުގެ މަރުހަލާ ތަކުގައު ހުރި ގާނޫނު ތައް ވެސް އަދި ނުނިމި ހުރި ހުރިހާ ގާނޫނުތަކެއް ވެސް ރިސެޓް މިވަނީ. އެހެންވީމަ އޭގެ ތެރޭގައި ހުންނާނެ އަޅުގަނޑުމެން އަލުން މަޖިލިހަށް ހުށައަޅަން ޖެހޭ މުހިންމު ބައެއް ގާނޫނުތައް އިނގޭތޯ."
ހީނާ ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ގާތްގަނޑަކަށް 200 ގާނޫނު ކުރިއަށް އޮތް ތަނުގައި ހުށައަޅަން ޖެހޭ ކަމަށާއި، އެއަށްވުރެ ވެސް ގިނަ ގާނޫނު ތައް ހުށައަޅަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، މިހާރުންސުރެ ފެށިގެން ގާނޫނުތައް ހުށައެޅުމަށްޓަކައި އިދާރީގޮތުން ކުރަން ޖެހޭ މަސައްކަތް ތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ