އިންތިހާބު ފަސްކުރުމަކީ އިންތިހާބީ ހައްގަށް ލިބޭ އުނިކަމެއް: މައުމޫން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް ލިބޭ ބޮޑު އުނިކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މައުމޫން ފެކްޝަނުން ބުނެފި އެވެ. ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ މެމްބަރުން ދެކޭ ގޮތުގައި އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަކާލާތު ކޮށްފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މަދު ބައެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި، އިންތިހާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގަށް ލިބޭނެ އުނިކަމެއް ކަމަށެވެ. އެ ބަޔާނުގައި 25 ޖެނުއަރީ 2017 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވުމަކީ ގާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެއް ކަމަށް އެޕާޓީގެ މެމްބަަރުން ދެކޭ ކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައި އިންތިހާބު ފަސްކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައި ވަނީ އެއްވެސް ބުރަދަނެއް ނެތް ހުސްވާހަކަތަކެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށް ބުނެފައިވެ އެވެ. އަދި ޕީޕީއެމްގެ ނަމުގައި އެ ދައުވާ ހުށަހަޅާފައިވީ ނަމަވެސް، އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށާއި، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޝަރީއަތުގައި އެ ޕާޓީން އިންތިހާބު ފަސްކުރުމަށް ބޭނުންނުވާ ކަމަށް ބުނެފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޭގެ އިތުރުން އެ މައްސަލައަށް ތަދައްޚުލްވި ހުރިހާ ފަރާތްތަކުން ވެސް އިންތިހާބު ފަސްކުރުމަށް ތާއީދު ނުކުރާކަމުގައި ވެސް ޝަރީއަތުގައި ހާމަކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ގާނޫނުގައި ބުނެފައިވާ ތާރީހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައިވެ އެވެ. އަދި އިންތިހާބު ފަސްކުރުމުން އަލުން ރީރެޖިސްޓާ ކުރަންޖެހުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހުމަކީ ރާއްޖޭގެ އިގްތިޞާދީ ހާލަތަށް ބަލާއިރު ރައްޔިތުންނަށް އުފުލަން ޖެހޭނެ ބޮޑު ތަކުލީފެއް ކަމުގައި ވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ