ފްލެޓްތައް ދޫކުރާނީ ކުރީ ސަރުކާރުގެ ލިސްޓްތައް މުތާލިޔާ ކުރުމަށްފަހު: ވަޒީރު ހައިދަރު

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓުގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމަށް ކުރީ ސަރުކާރުން ހަދާފައިވާ ލިސްޓް މުތާލިއާ ކުރަން ޖެހޭ ކަމަށާއި، އެއަށްފަހު ފްލެޓްތައް ދޫކުރަން ފަށާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ،  ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައެޅި ކުރީ ސަރުކާރުންކަމަށާއި ލިސްޓްގައި ތިބީ ޝަރުތަތަކަށް ފެތޭ ބަޔެއްތޯ ބަލަން ޖެހޭކަމަށާއި ފްލެޓް ދޭނީ އަލުން މުތާލިއާ ކޮށް ބެލުމަށްފަހުކަމަށެވެ.
"މިހާރު އިމާރަތް ކުރެވެމުންދާ 4،000 ފްލެޓުގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމުގައި ވެސް ކުރީ ސަރުކާރުން ނިންމަވާފައިވާ ލިސްޓުތައް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަރެއްގެ މުތާލިޔާތަކެއްކޮށް، އެ ލިސްޓުތަކަކީ ކަނޑައެޅިގެން ކުރީ ސަރުކާރުން ކަނޑަޅާފައިވާ ޝަރުތުތަކަށް ފެތޭ ބަޔެއްތޯ ކަނޑައަޅަން،"
ވަޒީރު ހައިދަރު ވިދާޅުވިއެވެ.
މި މަސައްކަތް ކުރާނީ ބޯހިޔާވަހިކަމުގެ ކަންތައް ބެލުމަށް ކަނޑައަޅާފައިވާ މިނިވަން މުސްތަގިއްލު ކޮމެޓީން ކަން ފާހަގަކުރައްވާ ވަޒީރު ވަނީ ލިސްޓުތައް އަލުން ރިވިއުކުރުމުގެ މަސައްކަތަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުވަންނާނެކަމަށާއި، މުތާލިއާ ކުރުމުގައިވެސް ބަލާނީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި ޝަރުތުތަކަށް ފައްތައިގެން އެކަން ނިންމުމަށްކަމަށް ވިދާޅުވެފައެވެ.
ވަޒީރު ހައިދަރު ވިދާޅުވީ، ޝަރުތު ހަމަނުވެގެން ލިސްޓުން އުނިވާ މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން ފުރުސަތު ހޯދައިދެއްވާނެކަމަށާއި ކަމަށާއި،  ފަސް އަހަރު ތެރޭގައި ހުރިހާ އެންމެންނަށް، އެއްވެސް އިސްތިސްނާ އެއް ނެތި ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ