އެސްޓިއޯ އަހަރު ފެށީ އާމްދަނީ 12 ޕަސެންޓުގެ ކުރިއެރުމަކާއެކު

އެސްޓީއޯއަކީ 1964 ވަނަ އަހަރު ރާއްޖެއަށް ކާބޯތަކެތީގެ ޔަގީންކަން ގާއިމް ކުރަން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ އޭރުގެ މަސްހޫލިއްޔަތަކީ ކާޑުގެ ބާވަތްތައް ގެނެސް ފޯރުކޮށްދިނުމެވެ.
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން މި އަހަރު ފެށީ އާމްދަނީގެ 12 ޕަސެންޓުގެ ކުރިއެރުމަކާ އެކުގައި ކަމަށް ކުއާޓަލީ ހިސާބުތަކުން ދައްކައިފި އެވެ.
އެސްޓީއޯއިން އާއްމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު އެ ކުންފުނީގެ ސާފު ފައިދާ ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ.
މި ކުއާޓަރުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައި ވުމެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓާރާ އަޅާ ބަލައިއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކުންފުނީގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަ ކުރެވުމާއިއެކު މި ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓައާއި އަޅާ ބަލައި 19 ޕަސެންޓުގެ ކުރިއެރުމެކެވެ.
ކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނީ 185 މިލިއަން ރުފިޔާ އެވެ. މި ކުއާޓަރުގައި އެސްޓީއޯއިން ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލައި 46 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ބައިން އިތުރުވުން ލިބުނު މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރު ކުރެވިފައި ވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައި ވުމެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ