މާޒީގެ ރޮނގުމަތީގައި ދިވެހިން | އެންމެ މުރާލި މަސައްކަތްތެރިން

މިއަދު ރާއްޖޭގެ ލޭބަރު ފޯހުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ. ވީމާ، ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ އިތުރު ކުރަން ޖެހިފައެވެ. ކޮންމެ މަސައްކަތަކީ ވެސް މުހިންމު މަސައްކަތެކެވެ.
މިއަދަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހެވެ. ނުވަތަ މޭޑޭއެވެ! މުޅި ދުނިޔޭގައި ފާހަގަކުރާ އެންމެ ބޮޑު ދުވަހެކެވެ.ކޮންމެ ގައުމަކަށް ކޮންމެ މުޖުތަމައަކަށް އެންމެ މުހިންމު ދުވަހެކެވެ. މިދުވަހަކީ ވަރަށް ޒަމާންވީ ދުވަހެކެވެ. ދުވަސް ނިސްބަތް ވަނީ މީގެ 135 އަހަރުކުރިން 1 މޭ 1889 ގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ޔޫރަޕުގެ މަސައްކަތްތެރިކަމުގެ ފެސްޓިވަލް ބޭއްވުނު ތާރީޚަށެވެ. ދިވެހިރާއްޖޭގައި މީގެ 91 އަހަރު ކުރިން 1932 ގައި ގާނޫނުއަސާސީއެއްގެ ދަށުންވެރިކަން ހިންގަން ފެށުމާއެކު އެންމެ އުފެދުނު ވުޒާރާތަކުގެ ތެރެއިން ވުޒާރަތުއްޒިރާޢަތު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުން ހިމެނެއެވެ.އަދި ދައުލަތުގެ އެންމެހައި މަސައްކަތްތައް ހިންގައިބެލެހެއްޓުމަށް ވުޒާރަތުލް އަޝްޣާލު ވެސް އުފެދުނެވެ. 1932 ގައި ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރުގެ މި ދެ ވުޒާރާގެ ވަޒީރު ކަމުގައި، ވަޒީރުލްއަޝްޣާލު އަދި ވަޒީރުއްޒިރާޢަތުގައި ހުންނެވީ ގަލޮޅުގޭ މުހައްމަދު ދީދީ އެވެ. ލޭބަރުގެ ނަމުގައި 1988 ގައި މިނިސްޓްރީއެއް އުފެއްދުނެވެ. އެެއީ މިނިސްޓްރީ އޮފް ޕަބްލިކްވާކްސް އެންޑް ލޭބަރެވެ.ދިވެހިންނަކީ އެންމެކުރީ ޒަމާންތަކުން ފެށިގެން ހީވާގި މުރާލި މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމެވެ. ދަނޑުވެރިކަމެވެ. ރާވެރިކަމެވެ. ކަނބުރުވެރިކަމެވެ. ތިލޭރު ކަމެވެ. ގަލުވަޑާމެވެ. ކިއްސަރުވަޑާމެވެ. ތެދުއުއިވަޑާމެވެ. އަތްތެރިކަމުގެ ތަފާތު މަސައްކަތްތަކެވެ. މިހުރިހާ މަސައްކަތްތަކަކީ ދިވެހީން މީގެ 1000 އަހަރުކުރިން ވެސް ވަރަށް މޮޅުކޮށް ކުޅަދާނަކަމާއެކު ކޮށްއުޅުނު މަސައްކަތްތަކެކެވެ.މަސްވެރިކަމުގެ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ހިމެނިފައި ވަނީ، އެންމެ ކުރީގެ ޒަމާންތަކުން ފެށިގެން 1970 އިގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގެ އެންމެބޮޑު ސިނާއީ މަސައްކަތްތައް ކަމުގައެވެ. މީގެ 113 އަހަރުކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 1911 ގައި ރާއްޖޭގެ 72,000 ގެ އާބާދީގެ މަސައްކަތު ފިރިހެނުންގެ 40 އިންސައްތަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. އެއީ 14,000 އަށްވުރެ ގިނަ ފިރިހެނުންނެވެ. އަދި 1911 ގައި ރާއްޖޭގެ މަސައްކަތު އަންހެނުންގެ އާބާދީގެ 34 އިންސައްތަ އަންހެނުންނަކީ ބޮނބިތަޅާ ރޯނުވެށުމުގެ މަސައްކަތްކުރި އަންހެނުންނެވެ. އެއީ 10,000 އަށްވުރެ ގިނަ އަންހެނުންނެވެ. މިއިން ސާބިތުވަނީ ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުންގެ މުރާލިކަމާއި މަސައްކަތްތެރިކަމެވެ.ރާއްޖޭގެ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓާ) ގައި ނިޒާމީ ލޭބާފޯހެއް ނުވަތަ ވަޒީފާ އަދާކޮށް މުސާރަ ލިބޭ ނިޒާމެއް، ރާއްޖޭގައި ފުރަތަމަ ތައާރަފުވީ 1950 އިގެ އަހަރުތަކުގެ ފަހުކޮޅު އައްޑުއަތޮޅުގަ އެވެ. މީގެ 50 އަހަރުކުރިން، 1970 އިގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމާއެކު ރާއްޖޭގައި ޒަމާނީ ލޭބާފޯހެއް އުފެދުނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރުވީއިރު، ފަތުރުވެރިކަން ވަނީ ރާއްޖޭގެ އިގުތިސާދުގެ އެއްވަނަ ސިނާއަތަށްވެފަަ އެވެ.މިއީ ފަތުރުވެރިކަމުގެ 50 އަހަރު ރަންޔޫބީލު މުނާސަބު ވަގުތު ކަމަށްވީހިނދު، މީގެ 25 އަހަރުކުރިން 2000 ގެ އަހަރުތައް ފެށުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ލިބެން ވަނީ ފަށާފައިކަން ފާހަގަ ކުރެވެއެވެ. އޭގެފަހުގެ އަހަރުތަކާއި މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ އެތައް ރޮނގަކުން ދުނިޔޭގެ 1ވަނަ ދަރަޖައިގައިކަން ފާހަގަކުރެވެއެވެ.
މިއަދު ރާއްޖޭގެ ލޭބަރު ފޯހުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ. ވީމާ، ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ އިތުރުކުރަން ޖެހިފައެވެ. ކޮންމެ މަސައްކަތަކީވެސް މުހިންމު މަސައްކަތެކެވެ. މި ގައުމު ކުރިއެރުން ވަނީ މަސައްކަތުންނެވެ. މިތާނގައިވާ ހުނަރުވެރިންގެ ހިންމަތުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ