ޖޭއެސްސީއިން ދަނީ ވުޖޫދުގައިވެސް ނުވާ ސުލޫކީ މައްސަލަތަކެއް ”އަމިއްލަ ހިޔާލަށް“ އުފައްދަމުން: އުއްތަމަ ފަނޑިޔާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތަހުގީގެއް ހިންގާކަމަށް ބުނެފައިވަނީ ވުޖޫދުގައި ވެސް ނުވާ ސުލޫކީ މައްސަލަތަކެއް ”އަމިއްލަ ހިޔާލަަށް“ އުފައްދައިގެން ކަމަށް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވާފައިވާއިރު، ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ވަނީ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ނިންމާފަ އެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި މައްސަލަތަކެވެ. އޭގެ 15 މައްސަލައެއް ޖޭއެސްސީއިން ތަހުގީގު ކުރި އެވެ. ޖޭއެސްސީއިން ނިންމާފައިވަނީ އެ މައްސަލަތަކުގެ ތަހުގީގުން ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ އަމަލުތައް އުއްތަމަ ފަނޑިޔާރުގެ ކިބައިން ފެނިފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ، ދުސްތޫރީ ހަމަތަކާއި އުސޫލުތަކާއި އާލަމީ މަބްދައުތައް މުގުރައި، ގާނޫނުއަސާސީގެ މައްޗަށް އެކަށައެޅިގެންވާ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށް، ޖޭއެސްސީއިން މިހާރު އަމަލު ކުރަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ދީފައި އޮތް ދައުރާއި ބާރުތައް އެ ކޮމިޝަނުން އަދާކުރުމުގެ މައްޗަށް އެ ކޮމިޝަންގެ މަސައްކަތްތައް ތަރުތީބު ކުރުމަށްކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ނެރެފައިވާ އަމުރުތަކެއްގެ ގަޟާއީ މެރިޓަށް ބަލައިގެން، އެއިން އެއްވެސް ނިންމުމެއް ނިންމުމުގައި ފަނޑިޔާރަކު ސުލޫކީ ނުވަތަ އަހުލާގީ ގޮތުން ހުއްދަ ނޫން އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އަދި އެއްވެސް ސިފައެއްގައި ހިންގިކަމަށް ޝައްކު އުފައްދާން ޖެހޭފަދަ އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް، އެއްވެސް ސިފައެއްގައި ހިންގިކަމަށް ހެއްކެއް ދައްކާފައި ނުވާކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތަހުގީގެއް ހިންގާކަމަށް ބުނެފައިވަނީ ވުޖޫދުގައި ވެސް ނުވާ ސުލޫކީ މައްސަލަތަކެއް ”އަމިއްލަ ހިޔާލަަށް“ އުފައްދައިގެން ކަމަށެވެ.
ސިލްސިލާ ގޮތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައިވާކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ޖޭއެސްސީއިން ހިންގަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން ކޮމިޝަނަށް ނަގައިގެން ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީގެ އަމަލުތައް ހުރީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހު ބަސް ބުނާތަނަކީ ”ސުޕްރީމް ކޯޓުގެ ބަދަލުގައި“ ”ޖޭއެސްސީ“ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ”ޖުޑީޝިއަރީ ކޮމިޓީ“ ކަމަށް ހަދައިގެން ކަމަށެވެ. އަދި އެ ބީދައިން ކޮމިޝަނުން އަމަލު ކުރަމުންދަނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު ”އިމްބެލެންސް“ ވެ ފުނޑުފުނޑު ވެދާނެ މިސްރާބަކަށްކަން އުއްތަމަ ފަނޑިޔާރު ނެއްރުއްވި ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ފާހަގަ ކުރި މިކަންކަން ސާބިތުވާ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ނޮވެމްބަރު 13، 2019 ގައި އެމަނިކުފާނާއި، ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑު ކުރުމަށް ނިންމައިފިކަމަށް ބުނެ މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުން ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީން ބޭނުން ކުރަމުންދަނީ އެ ކޮމިޝަނަށް އެއްވެސް ހައިސިއްޔަތަކުން ލިބިގެން ނުވާ ބާރުތަކެއްކަމަށެވެ. އެހެން ނަމަވެސް އަމިއްލައަށް ބާރުތަކެއް ނަގައިގެން، ތަޢައްސުފީ ގޮތެއްގައި ގާނޫނީ އަދި ދުސްތޫރީ އެއްވެސް ހަމައަކަށް ބޯލެނބުމެއް ނެތި ގަދަ ބަދވިކަމާއި ގަދަބާރުން ހިތުހުރި ގޮތެއް ހެދުމުގެ އުސޫލުން މިކަން ކުރުމަށްފަހު، ސުްރީމް ކޯޓުގެ ހިންގުންވެސް އެ ކޯޓުން ކަނޑައެޅި ފަނޑިޔާރަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަކީ، ޖޭއެސްސީގެ ދަށުން ހިންގާ މުވައްސަސާއެއް ނޫންކަން ފާހަަަގަ ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމާއި، އަދި އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތާއި ކޯޓު ހިންގުމުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމަކީ ވެސް އެ ކޮމިޝަނުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އެހެންވެ އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް އައި ފިޔަވަޅަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކެއްގެ މައްޗަށް ތަރުތީބުވެގެން އައި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ ނިންމުމެއް ބަލައިގަނެ އެއަށް ތަބާވުމަކީ ކުރައްވާފައިވާ ހުވައާ ހިލާފުވެ ދުސްތޫރީ ނިޒާމަށާއި ރައްޔިތުންނަށް ގައްދާރުވުން ކަމަށްވާތީ އެ ނިންމުން ބަލައިނުގަންނަން ނިންމެވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ