އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލައިފި

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ. ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ. 'ސަން' އަށް މައުލޫމާތު ދެއްވައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ވެސް ހައްޔަރުކުރީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައަކީ 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. https://sun.mv/221868 އެ ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުކޮށްފައެވެ. އަދި، މިއީ ސިއްރުން ކުރިއަށްގެންދާ މައްސަލަތަކެއް ކަމުން، ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި ވާހަކަތައް ނުފެތުރުމަށް ވެސް އަމުރުގައިވެއެވެ. ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކުރަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ