"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަކް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އޮތީ މިދިޔަ އާދީއްތަ ދުވަހު އަމުރުކޮށްފައެވެ. އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވެސް އަމުރުގައި ވެއެވެ.
އެ އަމުރާ ހިލާފުވި ކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔެއްގެ މައްޗަށް ތުހުމަތުކޮށް މިއަދު ކޯޓަށް ހާޒިރުކުރި އެވެ. އެއީ ޝަހުޒާން އާއި ލީވާންއެވެ. ޝަހްޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ކަނޑައެޅީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ބައެއް ތަފްސީލު ކިޔައި ރައީސާ ސުވާލުކޮށްފައެވެ. އަދި ލީވާން ހާޒިރު ކުރީ އޭނާ ލިޔުނު ހަބަރަކާ ގުޅިގެންނެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ވަކީލަކު އައްޔަންކުރަން ފުރުސަތު ދޭން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދުނު ނަމަވެސް ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދިނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ދެ ގަޑިއިރު ފަހުން އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ޝަހުޒާން ބުނިގޮތުގައި އެ ވަގުތުގެ ތެރޭގައި އޭނާ ތަމްސީލްކޮށްދޭނެ ވަކީލަކު ހަމަ ނުޖެހުނީއެވެ.
އަދި ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ނުދީ، ކޯޓުން ނިންމީ ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އަދި އަދަބަކަށް 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރިއިރު ލީވާން ޖަލަށް ލާން ހުކުމް ކުރީ 10 ދުވަހަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ހަމަ އެހެންމެ މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ. ދެ މީހުންގެ މައްޗަށް އާދިއްތަ ދުވަހު އުފުލި ދައުވާގެ އިބުތިދާއީ އަޑުއެހުން މާދަމައަށް ވަނީ ތާވަލުކޮށްފައެވެ.
ލީވާން 10 ދުވަހަށް، އަދި ޝަހުޒާން 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ