ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަފުޒުުކުރިކަމުގެ ތުހުމަތު އޮތް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށް ލުމަށް ދެންމެ ހުކުމްކޮށްފި އެވެ. 
ވީކިހިނެއް؟ - 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކއެއް ދެއްކުމުގެ އަމުރެއް ނެރެދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ އަމުރު ނެރެފަ އެވެ.
އެ އަމުރާ ހިލާފުވި ކަމަށް 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔެއްގެ މައްޗަށް ތުހުމަތުކޮށް މިއަދު ކޯޓަށް ހާޒިރުކުރި އެވެ. އެއީ:
އެ އަމުރު ނެރުނު ކަމުގެ ހަބަރު، އަމުރާ ހިިލާފަށް ލިޔުނު ބުނެ ލީވާން އަލީ ނަސީރު މިއަދު ހެނދުނު 11 ޖަހާއިރަށް
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސް މުއިއްޒުއާ ސުވާލުކުރި ކަމަށް ބުނެ މުހައްމަދު ޝަހުޒާން މިއަދު މެންދުރުފަހު 1 ޖަހާއިރަށް
ތަފްސީލް - ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އޭނާ އެދުނީ ވަކީލަކު އައްޔަންކުރަން ފުރުސަތު ދޭން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. 
ނަމަވެސް ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދިނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ދެ ގަޑިއިރު ފަހުން އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ޝަހުޒާން ބުނިގޮތުގައި އެ ވަގުތުގެ ތެރޭގައި އޭނާ ތަމްސީލްކޮށްދޭނެ ވަކީލަކު ހަމައެއްނުޖެހުނެވެ.
ވަކީލަކު އައްޔަންކުރަން އިތުރު ފުރުސަތެއް ނުދީ، ކޯޓުން ނިންމީ ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އޭގެ އަދަބަކަށް 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރި އެވެ. އަދި 25,000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކުރި އެވެ. 
މި މައްސަލާގައި ލީވާންއާ މެދު ވެސް ކޯޓުން އަމަލުކުރީ މި ގޮތަށެވެ. އޭނާ ޖަލަށް ލުމަށް ހުކުމްކުރީ 10 ދުވަހަށެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާއާ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. 
މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފްގެ ބަޔާން ނެގުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ވެސް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ