ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިއްމު - ޓީބިލުގެ ގޮތުގައި ދިން މި ފައިސާގެ ތެރެއިން ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އަހަރުގެ ދެ ހިސާބެއްގައި މި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާއިރު، މިދިޔަ އަހަރުގެ މޭ މަހު ހަމަވި 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އަހަރަކަށް ފަސްކޮށްދީފައިވެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި 40 ދުވަސް ތެރޭ ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ މީގެ ކުރިން ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން. އެގޮތުން ބަލާއިރު މިއަދާ ހަމައަށް އައިއިރު ސުކޫކު ޕޭކޮށްފިން 524 މިލިއަން ޑޮލަރު. އަދި 400 މިލިއަންގެ ސްވޮޕް ޕޭކޮށްފިން. އަދި މިއަދަށް ޑިއުވެފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ވެސް އަޅުގަނޑުމެން މިއަދު ޕޭކޮށްފިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ބޮލުގައި ކުރީގެ ސަރުކާރުން އަޅުވާފައި އޮތް ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރަމުން އަންނަ ކަމަށެވެ.
އިންޑިއާއަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލް:
ތިން ފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރު ކުރީ ސަރުކާރުން ނެގި
އެއީ 2019 ވަނަ އަހަރުގެ 17 މާޗު، 26 ޖޫން އަދި 1 އޮކްޓޯބަރު
މި 150 މިލިއަން ކުރީ ސަރުކާރުން އައީ ރޯލްއޯވާ ކުރަމުން
މި ސަރުކާރުން މީގެ ތެރެއިން 150 މިލިއަން ޑޮލަރު 2024ގައި އަނބުރާ ދެއްކި
ބާކީ 100 މިލިއަން ޑޮލަރު ދިޔައީ ރޯލްއޯވާ ކުރަމުން
މިއަދު ދައްކަން އޮތް 50 މިލިއަން ޑޮލަރު ދައްކާފައި ބާކީ އޮތް 50 މިލިއަން އަންނަ 17 ސެޕްޓެމްބަރުގައި ދައްކަން ޖެހޭ
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ބޮލުގައި އަޅުވާފައި ހުރި ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރާނެ ކަމަށެވެ.
ރައީސް ވަނީ، ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، އިގްތިސޯދަށް ގެއްލުންވާ ގޮތަށް އަސާސެއް ނެތް ވާހަކަތައް ދައްކާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ.
ރައީސް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އިގްތިސޯދާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށެވެ.
"އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑު މިދަނީ ދައްކަމުން. ދައްކާތީ ވެސް ކަންބޮޑުވަނީ. މިއީ މާ ކޫލް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރައްވާނެ ކަމަށާއި އެކަން ކުރާނީ މުސާރަތައް ދީ، ތެލަށް ދައްކަންޖެހޭ ފައިސާތައް ދައްކަމުން އަސާސީ އެހެން ކަންތައްތައް ވެސް ފުރިހަމަކުރަމުން ކަމަށެވެ.
އެނގުން މުހިއްމު - ސްޓޭޓު ބޭންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓީބިލުގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރުގެ އިންޓްރެސްޓު ފައިސާ ދައްކަނީ އިންޑިއާ ސަރުކާރުންނެވެ.
އެސްބީއައިން 2019ގައި ރާއްޖެއަށް ދިން 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާއިން މީގެ ކުރިން މައާފު ވެސް ކޮށްދީފައިވެ އެވެ.
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ