ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސިފަމާ ފަން ރަން 2026 ގައި ބައިވެރިވެވަޑައިގެންފި

ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ސިފަމާ ފަން ރަން 2026 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި އެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.
ސިފަމާ ފަން ރަން 2026 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިފަމާގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.
ސިފައިންގެ ޢާއިލާ އާއި އާއްމުން ހިމެނޭގޮތަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި މިދުވުމަށް ފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ.
މިއީ ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ފަރާތުން މިދުވުން ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ