ފްރާންސްގެ ފުޓްބޯޅަ މަޖައްލާގެ ބެލޮންޑިއޯ އެވޯޑް ހަފުލާ ސްޕެއިންގެ ރެއާލް މެޑްރިޑުން ބޮއިކޮޓް ކޮށްފިއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ހަފްލާގައި ރެއާލް މެޑްރިޑްގެ އެއްވެސް މެމްބަރަކު ބައިވެރި ވެފައިނުވަނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އެކްލަބަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނިޝިއަސް ޖޫނިއަރ އަށް ނުލިބޭނެކަން އެވޯޑް ހަފްލާގެ ކުރިން އެ ކްލަބުގެ މެމްބަރުންނަށް އެނގުމާއި ގުޅިގެންނެވެ.
ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑް އިން މި އަހަރުގެ އެވޯޑް ހަފްލާ ބޮއިކޮޓް ކުރުމަށްފަހު ބުނެފައިވަނީ އިހުތިރާމް ކުރުމެއް ނެތް ތަނަކަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެގޮތުން ބެލޮންޑިއޯ އިންތިޒާމް ކުރާ ފަރާތުގެ އިތުރުން ޔުއެފާ އިން އެ ކްލަބަށް އިހުތިރާމް ނުކުރާކަމަށްވެސް ވަނީ ބުނެފަ އެވެ.
އަހަރުގެ އެންމެ މޮޅު ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޮއްޓީ ހޮވިފައިވާއިރު އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ހިމެނެ އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ ރެއާލްގެ ވިނިޝިއަސް އެވެ.
ކާލޯ އެންޗެލޮއްޓީއަށް އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުމުން އޭނާގެ ރަސްމީ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އާއިލާ އާއި ކްލަބު މެމްބަރުންގެ އިތުރުން ވަކިން ޚާއްސަކޮށް ވިނިޝިއަސް އާއި ކަރްވަހާލްއަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އުމުރުން 24 އަހަރުގެ ވިނިޝިއަސް އަށް މި ފަހަރުގެ އެވޯޑް ލިބޭނެ ކަމަށް ގިނަބަޔަކު ގަބޫލުކުރި ނަމަވެސް އޭނާ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ބެލޮންޑިއޯ އިންތިޒާމް ކުރާ ފަރާތުން އެ ހަފްލާގެ ކުރިން އެވޯޑް ލިބޭ ފަރާތްތައް އެއްވެސް ފަރާތަކަށް އެނގިފައިނުވާ ކަމަށް ބުނި ނަމަވެސް އެވޯޑް ހަފްލާގެ މާ ކުރިން ވިނިޝިއަސް އަށް އެވޯޑް ނުލިބޭނެކަމަށް ވަނީ ބުނަން ފަށާފަ އެވެ.
ސްޕެއިންގެ މާކާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑްއިން ކުރިން ނިންމާފައިވަނީ 50 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެވޯޑް ހަފްލާއަށް ދިއުމަށެވެ.
ރެއާލް މެޑްރިޑުން ބެލޮންޑިއޯ ހަފުލާ ބޮއިކޮޓް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ