ދަރިވަރުން ދުންފަތާއި ވޭޕުން ސަލާމަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުން!

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އިންސާނާގެ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ފޯރާ ކަމެއްކަން ސައިންސްވެރިންނާއި ޑޮކްޓަރުންނާއި ހޯދުންތެރީންގެ ހޯދުންތަކުން ވަނީ ދެނެގަނެވިފައެވެ.
"ދުންފަތުން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމާއި ދުންފަތުން ލިބެނީ ވޭނީ މަރެއްކަން" ނޭނގޭ ހަރުފުރައިގެ މީހަކު ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. މުޖުތަމައުގައި މިނުރައްކާތެރި ވަބާގައި ޖެހިފައި ކުދިބޮޑު އެތައް ބަޔަކު ތިއްބާ ދެން ތައާރަފުވީ މާ ނުރައްކާ އެއްޗެކެވެ. އީ-ސިނގިރޭޓްގެ ނަމުގައި ތައާރަފުވީ "ޒަމާނީ ދުން އެރުވިއެކެވެ." ފަހުން، ވޭޕާއި ޕޮޑާއި ސްޓިކް ފަދަ ނަންނަމުގައި މިއާއިލާއަށް ދަރިން އުފަންވިއެވެ.
މިދެންނެވި "ޒަމާނީ ދުންއެރުވި" ތައާރަފުވެ، ރާއްޖެއާ ހަމައަށް ފޯރައި، އިސާހިތަކު ފަތުއަޑުކިޔާފައި ވައިގައި ހިފިއެވެ. މިއާއެކު ދެން އިތުރުވީ ސްކޫލް ވެށި ތެރޭގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެ އުނގެނުމުގެ މާޙައުލުގައި ތިބެންޖެހޭ ބައެއް ކުދިން ވޭޕްގެ ޝިކާރައަކަށް ވަމުންދާކަމުގެ ކަންބޮޑުވުމެވެ. މިކަމުގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރެވި ތަޢުލީމާބެހޭ ވުޒާރާއިން މިހާރުވަނީ ވޭޕްކުރުމާ ދެކޮޅަށް މަސައްކަތް ފަށާފައެވެ. އެގޮތުން ސިއްޙީ މާހިރުންގެ އެހީތެރިކަމާއެކު ސްކޫލްތަކުގެ ވެރިންނާއި ޕީޓީއޭއަށް މިކަމުގައި އޮތް ކަންބޮޑުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. ފުރަތަމަ ބައްދަލުވުން އަމާޒުކޮށްފައިވަނީ މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ބުނެއެވެ.
ފަހަކަށް އައިސް ވޭޕްކޮށްގެން ނޭވާހިއްލުމުގެ އުދަނގޫ ކުރިމަތިވެގެން އެޑްމިޓްކުރަންޖެހޭ ކުދިންގެ ޢަދަދު އިތުރުވަމުންދާތީ ވޭޕްކުރުމާ ގުޅޭގޮތުން ޑޮކްޓަރުންގެ ކަންބޮޑުވުން އެބަ އޮތެވެ. އީ-ސިނގިރެޓަކީ، އިލެކްޓްރޯނިކް ވަޞީލަތެއް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އިލެކްޓްރޮނިކް ވަޞީލަތެއް ބޭނުންކޮށްގެން ދުންފަތުގައި ހިމެނޭ ނުރައްކާތެރި މާއްދާއެއް ކަމުގައިވާ ނިކޮޓިން އިތުރު އާޓިފިޝަލް ރަހައަކާއެކު ފުއްޕާމެއަށް ފޮނުވާލައެވެ. ސިނގިރޭޓް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރަނީ ދުންފަތް އަންދައިގެންނެވެ. ވޭޕްކުރުމުގައި އަދި އީ-ސިނގިރެޓްގައި ބޭނުންކުރާއިރު އޭގައި ހިމެނޭ ދިޔައިގައި ހުންނަ މާއްދާތައް ހޫނުކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރެއެވެ. ދެގޮތުންވެސް ހަށިގަނޑަށް ގެއްލުންވެއެވެ.
ކަމުގެ ނުރައްކާ އޮތަތީވެ ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ ގޮވާލާފައެވެ. އެ ޖަމްޢިއްޔާއިން ބުނީ، ރާއްޖެއާއި ދުނިޔޭގައިވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އޭގެ ތެރެއިން އެތައް ބައްޔަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ސިއްޙީ އެކި މައްސަލަތައް މަގުފަހިކުރާކަމަށް ދިރާސަތަކުން ދައްކާ ކަމަށް ޑޮކްޓަރުންގެ ޖަމީއްޔާއިން ފާހަގަކުރެއެވެ.
ެއެގޮތުން ދުންފަތުގައި ހިމެނޭ 250 މާއްދާއާއި ވިހައިގެ ތެރެއިން، 70 މާއްދާއަކީ، ކެންސަރަށް މަގުފައިވާ މާއްދާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އަދި ދުންފަތުގެ ބޭނުން ނުކުރާ ފަރާތްތަކަށްވެސް، ދުމުގެ އަސަރުކޮށް ކުޑަކުދިންނަށް ނޭވާހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ފަދަ މައްސަލަތައް ދިމާވާކަން އެ ޖަމްޢިއްޔާއިން ފާހަގަ ކުރެއެވެ. އަދި މާބަނޑު މީހުންނަށްވެސް މީގެ އަސަރު ކުރާކަމަށް ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ