ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ލަސްވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް "ސްކޫލު ދަރިވަރުންގެ ހިމާޔަތުގައި" އިއްޔެ އަޑުއުފުލައިފި އެވެ.
ވި ކިހިނެއް؟ - ޖިންސީ ގޯނާއާ ދެކޮޅަށް މަސައްކަތްކުރާ "ރައިޒް އަޕް" މޫވްމަންޓްގެ ފަރާތުން އިއްޔެ ހަވީރު ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމުގައި ގަލޮޅު ސްކޫލާއި އެހެން ބައެއް ސްކޫލުތަކުގެ ބެލެނިވެރިން ވެސް ބައިވެރިވި އެވެ.
ތަފްސީލް - ގަލޮޅު ސްކޫލުގެ ކުއްޖަކަށް ޖިންސީ ގޯނާކުރީ އެކުއްޖާ ފާހާނާއަށް ގެންދިޔަ މަސައްކަތު މީހެއް ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއާ ހަވާލާދީ ދުވަހު ނޫސް "މިހާރު"ގައި ބުނީ، އެކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި މީހަކު ހަނދާން ނެތް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށެވެ.
އެ އެއްވުމުގެ ބައިވެރިން ވަނީ ބޯޑުތައް ބޭނުންކޮށް އެމީހުންގެ އަޑުއުފުލައި، ޝުއޫރު ފާޅުކޮށްފަ އެވެ. އެގޮތުން ކުއްޖާ ފާހާނާއަށް ގެންދިޔަ "ޓޮއިލެޓް ދައްތަ" ހޯދިފައި ނުވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކަމާބެހޭ ފަރާތްތަކުން ޒިންމާއަދާކުރުމަށާއި ސްކޫލު މާހައުލަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ވަނީ ގޮވާލައިފަ އެވެ.
ކުއްޖާ ފާހާނާއަށް ގެންދިޔަ މީހާ ޓީޗަރަށް ބުނެދޭން ނޭނގޭނަމަ، އެ މުވައްޒަފު އަދިވެސް ވަޒީފާގައި ހުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ބެލެނިވެރިން ވަނީ ކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވާ ކަމަށް ވެސް ބުނެފަ އެވެ.
ރައިޒް އަޕް މޫވްމަންޓާއި ބެލެނިވެރިންގެ ޑިމާންޑުތައް:
މައްސަލައާ ގުޅިގެން ހިނގަމުންދާ ތަހުގީގު ގޮސްފައިވާ ހިސާބު ހާމަކުރުން
ޖިންސީގޯނާގެ މައްސަލަ ހިނގާފައިވާ ސްކޫލްގައި އެހެން އެއްވެސް ކުއްޖަކު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވޭތޯ ބަލާ ފުރިހަމަ ތަހުގީގެއް ކުރުމަށް
އިތުރު ހާދިސާއެއް ސްކޫލެއްގައި ނުހިނގާނެ ގޮތަށް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ހާމަކުރުން
ސުކޫލުގެ މާހައުލަކީ ކުދިންނަށް ރައްކާތެރި މާހައުލެއްކަން ޔަގީންކުރުމަށް ސްކޫލްތަކުގައި ”ސޭފްޓީ އޯޑިޓް“އެއް ކުރިއަށްގެންގޮސް ކުދިންނަށް ނުރައްކަލެއް ހެން ހީވާ ކޮންމެ ކަމެއް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް އެޅި ފިޔަވަޅުތައް ހާމަކުރުން
ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަމުން ގެންދޭތޯ ބަލައި މޮނީޓާ ކުރުމަށް ހާއްސަ އޮފިޝަލުން ކަނޑައެޅުން
ގަލޮޅު ސްކޫލުގެ ބަސް - އެ މައްސަލާގައި އެ ސްކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން މިހާރު ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށެވެ.
"ފާހާނާކުރުމަށް ދާ ދަރިވަރުން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުންނެވެ. ފާހާނާ ކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކުވާ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެއެވެ." ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރު އެ ސްކޫލުގެ 18 ޕޮއިންޓެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިންމާފައިވާ ކަމަށެވެ.
ގުޅުންހުރި - ގަލޮޅު ސްކޫލުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަމުން އަންނަ އިރު، އަމީނިއްޔާ ސްކޫލުގެ ދަރިވަރަކަށް ޓީޗަރަކު ޖިންސީ ފުރައްސާރަކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި ތުހުމަތުވާ ޓީޗަރު މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އިތުރަށް ކިޔާލަން -
ހުރިހާ މަސައްކަތު މީހުން ސަސްޕެންޑުކޮށް، ސީސީޓީވީ ހަރުކޮށްފި
ޕްރީސްކޫލެއްގައި ޖިންސީގޯނާ ކުރި މައްސަލަ ލަސްވާތީ ކަންބޮޑުވުން
ސްކޫލް ދަރިވަރުންގެ ހިމާޔަތުގައި އަޑުއުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ