ރަމީޒުގެ މައްސަލަ ބަލަން އެންގެވީ ޔާމީން: ޕީޕީއެމް

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރެއްވި ކަމަށް ބުނާ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އެންގެވީ ރައީސް ޔާމީން ކަމަށް އެޕާޓީން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މެންބަރުންނާ މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް ރަމީޒު ކުރައްވާފައިވާ ކަމަށެވެ.
"އެކަން ސީރިއަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް ޔާމީން އެދިވަޑައިގެންނެވި،" ޝިޔާމު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ރަމީޒު ހާޒިރުކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ ބަޔާން ނަގާފަ އެވެ. ދިފާއުގައި ރަމީޒުވެސް ހެކި ހުށަހެޅުއްވި އެވެ.
ރަމީޒުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ވަނީ ޕީޕީއެމް އިން އިސްތިއުފާ ދެއްވާފަ އެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ރަމީޒު ފޮނުއްވި ސިޓީ ވިދާޅުވެފައިވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި މިވަގުތު އުޅުއްވެން ނެތުމުން ވަކިވާން ނިންމެވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ