ހުތުރު ލަޤަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިޔައި ޗެނަލް 13 އިން ދެއްކި ލަވަތަކުގެ އަޑާއި މަންޒަރު ވަކިގޮތެއް އަންގަންދެން ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކޮމްއިން އެ ޗެނަލަށް އަންގާފައިވުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށްފައިވަނިކޮށެވެ.
މައްސަލައާ ގުޅޭގޮތުން ކުއްލި މައްސަލައެއް އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިއިރު އެ ކުއްލި މައްސަލަވަނީ ސަރުކާރުގެ ފަރާތުން ބޭރުކޮށްލާފައެވެ.
މިކަމާއި ގުޅޭގޮތުން އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނުރުހުން ފާޅުކުރިއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ކުރީގެ ރައީސުންނާ މުހާތަބުކޮށް ކިޔާފައިވާ މިފަދަ ނަންތައް މަޖިލީހުގެ ތަޅުމުގައި އަޑުއިއްވުމަށްފަހު ރައީސް ސާލިހަށް ވެސް އެފަދަ ފާޑުކިޔުންތައް އަމާޒުވުމަކީ މައްސަލައެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.
އެކަމާއި ގުޅިގެން ރައީސް މައުމޫނު ވަނީ ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ވިދާޅުވެ ހެއްކަކަށް ބޭނުންވާ ފަރާތަތަކުން އަލް ޙުޖުރާތު ސޫރަތުގެ 11ވަނަ އާޔަތް ބެއްލެވުމަށް އެދިވަޑައިގެންފައެވެ.
ހުތުރު ލަޤަބު ތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި ކަމަށް ވިދާޅުވެ އެފަދަ ނަންތަކުން މުސްލިމުންނާއި މުހާތަބު ނުކުރުމަށް ރައީސް މައުމޫނު އެދިވަޑައިގެންނެވިއިރު ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ވާދަވެރިކަމާއި ކޯޅުމުގެ ތެރެއިން މިފަދަ ނަންތަކާއި ބަސްތައް އެއްބަޔަކު އަނެއް ބަޔަކަށް އަމާޒުކޮށް ގޮވުމަކީ އާއްމު ކަމަކަށް މިހާރުވަނީ ވެފައެވެ.
ހުތުރު ލަޤަބުތަކުން ގޮވުން މާތްﷲ ވަނީ ނަހީ ކުރައްވާފައި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ