ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ، ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ، ހުރިހައި ފަރާތްތަކުން ސަމާލުވެ، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ގަދަވަޔާއެކު ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އެދިފައެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ހުދު ސަމާލު:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. އެގޮތުން 1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު ވާރޭވެހުން އެކަށީގެން ވެއެވެ. ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭނަމަ މި އެލާޓް ނެރޭނެ އެވެ. ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ރީނދޫ ސަމާލު:
މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ.
1 ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރ ގެ ވާރޭ ވެހުން އެކަށީގެން ވެއެވެ. އާދަޔާހިލާފަށް ގުގުރުން ނުވަތަ މިފަދަ ގޮތަކަށް ގުގުރާފާނެ ކަމަށް އަދި ފާއިތުވި 3 ގަޑިއިރު 28-35 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 30-25 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން މި އެލާޓް ނެރެއެވެ. ވިލާގަނޑުގައި ވައިގަދަވެ 55 މޭލަށް ވައިބާރުވެދާނެއެވެ. އުދަބާނި އަދި އުދަ އެރުން އެކަށީގެން ވެއެވެ.
މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މަދުވެގެން 5 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުމުން މި އެލާޓް ނެރެއެެވެ.
މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
އޮރެންޖު އިންޒާރު:
މި އެލާޓްގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މިއެލާޓް ނެރޭނެ އެވެ.
ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ރަތް އިންޒާރު:
މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ.
މި އެލާޓްގެ މުއްދަތުގައި 6 ގަޑިއިރު ތެރޭ 180 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 40 މޭލަށް ވުރެ ބާރަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 42 މޭލަށް ވުރެ ބާރަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 70 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. އުދަ އަރާ ބޮޑެތި ގެއްލުން ތަކާއެކު ރިޕޯޓް ކުރުން ނުވަތަ އެހާލަތު ލަފާކުރެވުމުންވެސް މި އެލާޓް ނެރޭނެ އެވެ.
ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ކުރިއަށް އޮތް ހަފުތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ