ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގެ ހުކުމް އިއްވުން މިއަދު

ޑިސެންބަރު 4، 2019 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ހަމަޖައްސައިފިއެވެ.
ޓެކްސީ ޑްރައިވަރު، ގާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ވަނީ ޅ. ހިންނަވަރު / ބޮޑުހިޔާގެ، އަދުހަމް މުހައްމަދެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ތާވަލު ކޮށްފައިވަނީ މެންދުރު 13:00 ގައެވެ.
އދ މާމިގިލި/ ކަނީރުމާގެ އުމުރުން 59 އަހަރުގެ ގާސިމް ހަސަންގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި މީގެ ކުރިން ކުށަށް އިއުތިރާފްވެ، މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވެފައިވެއެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.
ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުމުން ކަމަށާއި، ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށްވެސް އަދުހަމް އޭރު ބުނެފައިވެއެވެ.
މި މައްސަލާގައި ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ވަނީ އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމާއި ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފޭރިގެން އެކަން ކުރުމަށް ރާވަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް އަދުހަމްގެ ދިފާއީ ވަކީލު ވަނީ އޭނާގެ ގަސްތުގައި މީހަކު މެރުމުގެ ނިޔަތް ނެތް ކަމަށާއި ނިޔަތް އޮތީ ފޭރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އޮކްޓޯބަރު މަހު ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ