މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރުން ރެކޯޑު މިންރަކަށް އިތުރުވެއްޖެ

މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރުން ރެކޯޑު މިންރަކަށް އިތުރުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނީ، މާލޭ ސަރަހައްދުގައި އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށެވެ.
މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިއާއެކު، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ކަރަންޓު ބޭނުންކުރާ މިންވަރު މިވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި، މިއަދުގެ މެންދުރުފަހު 2:10 ގައި ކަރަންޓު ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަންވަނީ ފާހަގަކުރެވިފައެވެ. މާލޭ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދޭން އެކަށީގެންވާ ކެޕޭސިޓީ ސްޓެލްކޯގައި އެބަހުރި ކަމަށާއި އެހެން ނަމަވެސް، ކަރަންޓު ބިލްތައް ބޮޑުވުމުމުގެ މައްސަލައަށް ހައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށްދިނުމަށް އިލްތިމާސްކުރާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އާންމު ގޭބީސީތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފައި ވެއެވެ.
ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން އެދެއެވެ.
ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށްވެސް އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން މިކުންފުންޏަށް ބޭނުންވާ ކަމުގައި އެކުންފުނިން ބުނެއެވެ.
މިއަދު މެންދުރުފަހު މާލޭ ސަރަހައްދުގެ ބައެއް ގޭބިސީތަކުންވަނީ ކަރަންޓު ކެނޑިފައެވެ. އެކަމަކު، މިކަމާ ގުޅިގެން "ވީނިއުސް"އިން ސުވާލުކުރުމުން، ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުނީ ޕީކްލޯޑް މަތިވުމުގެ ސަބަބުން ނޫން ކަމަށާއި ސްޓެލްކޯގައި 120 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ މިވަގުތު އެބަ ހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ