ސަރުކާރުން ހުރިހާ ކަމެއް ކުރާނެކަމަަށް ބުނެ މަޖިލީހަށް ވަކިވަކި ގަރާރުތައް ހުށަހަޅަން ނުޖެހޭކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ހެން ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އެ ގަރާރުގައިވާ ގޮތުން އިދާރީ މުވައްޒަފުންގެ މުސާރަ ކައުންސިލަރުންގެ މުސާރައަށްވުރެ ބޮޑުވުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއް ކަމަށް ބެލެވޭ ސަބަބެކެވެ. އޭގެ އިތުރުން، ރައްޔިތުން އިންތިހާބުކުރާ ބައެއްގެ މުސާރަ ސަރުކާރުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ އިންތިހާބުވެގެން މަގާމުތަކަށް އަންނަ ފަރާތްތަކުގެ ބާރުވެރިކަން ކުޑަވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މި ގަރާރު ޕީއެންސީގެ މެމްބަރުގެ ވޯޓާއި އެކު ބޭރުކޮށް ބުނެފައި ވަނީ، ސަރުކާރުން މައްސަލައަށް ހައްލެއް ގެންނާނެ ކަމަށެވެ.
މައްސަލައިގައި ޝަމްހީދު ވިދާޅުވީ ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ހުރި ބޭއިންސާފު ތަފާތުކުރުންތައް ނައްތާލަން ޖެހޭ ކަމަށެވެ. ޝަމްހީދު ވިދާޅުވީ، ދައުލަތުގެ އެކި މުއައްސަސާތަކުގެ މެދުގައި ހުރި މުސާރައިގެ ބޮޑެތި ފަރަގުތައް ކުޑަކޮށް، ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލުމުން ޕީއެންސީ މަސައްކަތް ކުރަނީ އޭގެ އަސްލު އޮޅުވާލުމަށް ކަމަށެވެ.
މުސާރައިގެ ތަފާތުކުރުންތަކުގެ މިސާލެއްގެ ގޮތުން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ 19،000 ރުފިޔާއިން 35،000 ރުފިޔާއަށް ބޮޑުވެގެންދިޔައިރު، ރައްޔިތުން އިންތިހާބުކޮށްފައި ތިބި ކައުންސިލަރުންގެ މުސާރަ 25،000 ރުފިޔާގައި ހިފެހެއްޓިފައި އޮތުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ. މިއީ އެއް އިދާރާއެއްގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮތް ބޮޑު ތަފާތުކުރުމެއްގެ ގޮތުގައި ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.
ޝަމްހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދައުލަތުން މުސާރައަށް ކުރާ ހޭދަ 43 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެއީ މިއަހަރު ނިމޭއިރު މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ 5.2 ބިލިއަން ރުފިޔާއަށް އެރުންކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ 2023 ވަނަ އަހަރު ނިމުނުއިރު 11.9 ބިލިއަންގައި ހުރި މުސާރައިގެ ޝީޓް މިއަދު 17.1 ބިލިއަނަށް އަރައިގެންދާއިރު، މިއީ ރައްޔިތުންގެ ފައިސާ ކަމަށެވެ. ނަމަވެސް އެ 43 އިންސައްތައިގެ ކުރިއެރުން ހުރިހާ މުވައްޒަފުންނަށް ލިބުނުތޯ ސުވާލު އުފައްދައި ޝަމްހީދު ވިދާޅުވީ މި ބަދަލު އެންމެ އާދައިގެން ސިވިލް ސާވިސް މުވައްޒަފުންނަށް އައިސްފައި ނުވާކަމަށެވެ.
ޝަމްހީދު ވިދާޅުވީ ބައެއް މެންބަރުން ދައްކަވާ ވާހަކައިން މަޖިލީހަކީ ބޭނުމެއް ނެތް ތަނެއްގެ ގޮތުގައި ސިފަވާ ކަމަށެވެ. ހާއްސަކޮށް، ސަރުކާރުން ހުރިހާ ކަމެއް ކުރާނެކަމަަށް ބުނެ މަޖިލީހަށް ވަކިވަކި ގަރާރުތައް ހުށަހަޅަން ނުޖެހޭކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންގެ އަސްލު ޒިންމާއަކީ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުންކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ބާނީއަކީ އެމްޑީޕީ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލްތައް ”އުވާލާ“ ބަޔަކީ ޕީއެންސީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސަރުކާރުން ހައްލުކުރާނެކަމަށް ބުނެ، ވަކި މައްސަލައެއް މަޖިލީހަށް ހުށަހަޅަން ނުޖެހޭކަމަށް ބުނުމަކީ ޒިންމާދަރުކަން ކުޑަކަމެއް: ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ