ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި 4 ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ އެތެންސް / ގއ. ވިލިނގިލި، މުހައްމަދު އަތޫފް ހަބީބް (25އ) އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުހައްމަދު ރާއިފް ހުސައިން (20އ) އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި ރާއިފް 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 17/2011 އަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019 ގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.
މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.
ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ވިލިނގިލިން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ