ކުޑަކުދިން ލައްވާ ޑުރަގު ވިއްކިކަމުގެ ތުހުމަތުގައި ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފި
ކުޑަކުދިން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން މިދިޔަ ބުރާސްފަތި ދުވަހު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ވިލިނގިލިން ދެ މީހަކު ހައްޔަރުކުރީ، ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށް އެ ރަށު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގެ ދަށުން ވިލިނގިލީގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، 67 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ގުރާމްގެ ބްރައުން ޝުގާ އާއި 13 ގުރާމުގެ މެތަމްފެޓަމައިން ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އެ ރަށު އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އޭގެ ތެރެއިން ރާއިފްގެ ބަންދަށް 10 ދުވަސް ޖަހައިފައިވާއިރު ޢަޠޫފް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ ދެ މީހުންނަކީ އެ ނެޓުވޯކުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ކަމަށެވެ. ވިލިނގިލީ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، ކުޑަކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ