ހައްޖުގެ ހުރިހާ ކަމެއް އަމާންކަމާ އެކު ނިންމާލެވިއްޖެ: ސައޫދީ

މި އަހަރުގެ ހައްޖު މޫސުން އަމާންކަމާއި ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާކަން މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު އަދި ހައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ޕްރިންސް ސައުދު ބިން މިޝްއާލް އިއްޔެ އިއުލާން ކުރައްވައިފި އެވެ.
"މިއަހަރުގެ ހައްޖުގެ އަޅުކަން ކާމިޔާބުކަމާ އެކު ނިމިގެންދިޔަކަން އިއުލާން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކާމިޔާބީ ފާހަގަވެގެންދިޔައީ އަމާންކަމާއި، އިންތިޒާމުތަކުގެ ފުރިހަމަކަމާއި، އަދި ބޭނުންވާ ހުރިހާ ހިދުމަތްތަކާއި އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެވިގެން،" ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޕްރިންސް ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަހަރުގެ ހައްޖު މޫސުން ނިމިގެން މި ދަނީ "ދުވަހަކު ވެސް ނުނިދާ ގައުމެއްގެ ތަަސްވީރާއި، ހިދުމަތް ކުރުމަށް ހިތްތައް ހުސްކޮށްގެން ތިބި ބަޔަކާއި އަދި މުގައްދަސް ބިންތަކުގައި އިންތިޒާމްވެފައިވާ އެއްބައިވަންތަކަމުގެ ނަމޫނާ، ވަރުބަލިކަމެއް ނެތި ކޮށްދިން އަތްތަކެއްގެ" ހަނދާންތައް ދޫކޮށްފަ އެވެ.
"މިއަހަރުގެ ހައްޖަކީ ވައުދުތައް ފުއްދައި، އެ މަސައްކަތުގައި އިހްލާސްތެރިކަމާ އެކު ހިދުމަތްކުރާ ގައުމެއްގެ ވާހަކައެއް،" ސައުދު ވިދާޅުވި އެވެ.
ޕްރިންސް ސައުދު ވިދާޅުވި ގޮތުގައި ހައްޖުވެރިން އަޅުކަން އަދާކުރީ އަމާންކަމާއި، ސުލްހަމަސަލަސްކަމާއި އަދި ފަސޭހަކަމާއެކުގަ އެވެ. އަދި ހައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދެވިފައިވަނީ އެ މުގައްދަސް ބިމުގެ މާތްކަމާއި އެ މޫސުމުގެ މުހިންމުކަމާ އެކަށީގެންވާ ފަދަ މަތިވެރި އަޅާލުމަކާއެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މި ހައްޖު މޫސުން ކާމިޔާބުކަމާ އެކު ނިމިގެންދިޔައީ، ހައްޖުވެރިންނަށް ހިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ އަދި އިންސާނީ އަޅާލުމަށް އެންމެ އިސްކަމެއްދޭ ލީޑަޝިޕެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ލީޑަޝިޕުން ވަނީ ހައްޖުގެ އޮޕަރޭޝަންތަކުގެ ކޮންމެ މަރުހަލާއެއްގައި ވެސް މެދުކެނޑުމެއްނެތް އެހީތެރިކަން ކަށަވަރުކޮށްދީފައި ކަމަށް ވެސް ވިދާޅުވި އެވެ.
ޑެޕިއުޓީ އަމީރު ބާރުއަޅުއްވައި ވިދާޅުވީ، ހައްޖުގެ މި ކާމިޔާބީއަކީ ދަތުރުގެ ނިމުން ނޫން ކަމަށާއި، އެއީ އާ އަޒުމަކާ އެކު މަސައްކަތް ފެށުން ކަމަށެވެ.
"ހައްޖުގެ މި ކާމިޔާބީއަކީ ދަތުރުގެ ނިމުމެއް ނޫން. އެއީ އާ ޒިންމާއެއްގެ ފެށުން، އަދި މި ގައުމަކީ އަބަދުވެސް އަމާންކަމާއި ދީލަތިކަމުގެ ދަންމަރެއްގެ ގޮތުގައި، އަދި ހިދުމަތާއި ވަފާތެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަމަށް ކޮންމެ އަހަރަކު އާކުރެވޭ ވައުދެއް،" އޭނާ ވިދާޅުވި އެވެ.
ސައޫދީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މި އަހަރު 1,707,301 މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. އެއީ 893,396 ފިރިހެނުންނާއި 813,905 އަންހެނުންނެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ އަދަދު މިދިޔަ އަހަރުގެ އަދަދަށް ވުރެ 2.04 ޕަސެންޓް އިތުރު އަދަދެކެވެ. 
މި އަހަރު ސައޫދީން ބޭރުން 1,546,655 މީހަކު ހައްޖުގެ އަޅުކަން އަދާކުރި އިރު ސައޫދީގެ ވަޒަންވެރިންގެ ތެރެއިން 160,646 މީހަކު ހައްޖުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ