ފެންވަރު ދަށް މުދާ ވިއްކާތީ ޓެމޫ 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޗައިނާގެ މަޝްހޫރު އޮންލައިން ކުންފުނި ޓެމޫ 200 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި އެވެ.  
މި ބޮޑު ޖޫރިމަނާ އެ ކުންފުންޏަށް އައީ ނުރައްކާތެރި ކުޅޭ ސާމާނާއި ފެންވަރު ދަށް ޗާޖަރު ފަދަ ގާނޫނާ ހިލާފު ތަކެތި އެ ޕްލެޓްފޯމް މެދުވެރިކޮށް ވިއްކަމުންދާ މައްސަލައިގަ އެވެ.
ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި ޓެމޫ އިން ވަނީ އެ ކުންފުނީގެ ޕްލެޓްފޯމުގައި ހުރި ތަކެތީގެ ސަބަބުން ކަސްޓަމަރުންނަށް ލިބިދާނެ ގެއްލުންތަކާއި ނުރައްކާތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުމުގައި އިހުމާލުވެފަ އެވެ.
ޔޫރަޕްގެ އިއްތިހާދުގެ ގާނޫނުތަކުގެ ދަށުން  ބޮޑެތި އޮންލައިން ޕްލެޓްފޯމްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ޓެމޫ އިން އަމަލުކުރޭތޯ ބެލުމަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދިޔައީ ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގުގެ ތެރެއިން މިނިވަން އިދާރާއަކުން ކުރިއަށްގެންދިޔަ ދިރާސާއެއްގައި ޓެމޫ މެދުވެރިކޮށް ގަނެފައިވާ ގިނަ އަދަދެއްގެ ޗާޖަރުތަކަކީ ކަރަންޓުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަކެތިކަން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ކުޅޭ އެއްޗެހީގައި ގާނޫނުން ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކެމިކަލް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
ޔޫރަޕްގެ އިއްތިހާދުގެ ޓެކްނޮލޮޖީއާ ބެހޭ ކޮމިޝަނަރު ހެނާ ވިރްކޫނެން ވިދާޅުވީ، މި ނިންމުމަކީ ޓެމޫ ފަދަ ކުންފުނިތަކަށް ދެވޭ ވަރުގަދަ އިންޒާރެއް ކަމަށެވެ. ޖޫރިމަނާ ދެއްކުމުގެ އިތުރުން، މި މައްސަލަތައް ހައްލުކުރާނެ ގޮތުގެ ޕްލޭނެއް އަންނަ އޮގަސްޓް މަހުގެ 28 ގެ ކުރިން ހުށަހެޅުމަށް ޓެމޫއަށް ވަނީ އަންގާފައެވެ. އެއަށްފަހު އެ ކުންފުނިން އަޅާފައިވާ ފިޔަވަޅުތައް ފުދޭތޯ ބެލުމަށް ކޮމިޝަނަށް ދެ މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ނަމަވެސް ޓެމޫ އިން ވަނީ މި ނިންމުމާ ދެކޮޅު ހަދާފައެވެ. އެ ކުންފުނީގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫރިމަނާގެ އަދަދު މާ ބޮޑު ކަމަށާއި، މިއީ ކުރީގެ މައްސަލަތަކަކަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ ނިޒާމުތައް ހުރީ މިއަށްވުރެ މާ ބޮޑަށް ހަރުދަނާކޮށްފައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ޓެމޫ އިން ދަނީ މި ނިންމުން އިސްތިއުނާފު ކުރުމާ މެދު ވިސްނަމުންނެވެ.
މި ނިންމުމަށް އިނގިރޭސިވިލާތުގެ ކަސްޓަމަރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ވިޗް އިން ވަނީ މަރުހަބާ ކިޔާފައެވެ. އެ ޖަމިއްޔާގެ އިސްވެރިޔާ ސޫ ޑޭވިސް ވިދާޅުވީ، އޮންލައިން މާކެޓްތަކުން ވިއްކާ ނުރައްކާތެރި ތަކެއްޗަށް އެ ފަރާތްތައް ޒިންމާދާރުކުރުވުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުން ވެސް މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ޔޫރަޕްގެ އިއްތިހާދުގެ ޑިޖިޓަލް ސާވިސަސް އެކްޓްގެ ދަށުން ކުންފުންޏަކާ މެދު މިފަދަ ފިޔަވަޅެއް އެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު އެލޮން މަސްކްގެ އެކްސް ޕްލެޓްފޯމް ވަނީ ސަތޭކަ ވިހި މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ