ރައީސަށް ސްކައުޓުން ލިބުނު ހުނަރާއި ތަޖުރިބާ: ދިރިއުޅުމުގެ ހުރިހާ ކަމަކަށް ތައްޔާރަށް ހުރުން

އެ މަނިކުފާނުގެ ތައުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އެ މަނިކުފާނު އެޅި ކޮންމެ ފިޔަވަޅެއްގައި އެ މަނިކުފާނަށް މަގު ދައްކައިދިން ކަންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”އެއީ، ކަބް ސްކައުޓް މޮޓޯގައި ބުނާ “ ޑޫ ޔުއާ ބެސްޓް“ އަދި ސްކައުޓް މޮޓޯގައި ބުނާ ”ބީ ޕްރިޕެއާޑް“ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެނުވި ތަޖުރިބާތަކެކެވެ.“ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވެވި ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެފަދަ ތަޖުރިބާތަކަކަށް ދިވެހި ޒުވާނުން ބޭނުންވެފައިވާ ތަޖުރިބާ ތަކެއް ކަމަށެވެ. އަދި ސްކައުޓް ހަރަކާތްފަދަ ހަރަކާތްތަކަކީ، އޭގެ ގޮތުގައި އޭގެ އަސްލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފުސު އިސްލާހުކުރުމާއި ރިވެތި އަހުލާގުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި އަމަލީ ތަރުބިއްޔަތުގެ މައިދާނެއް ކަމަށެވެ.
އަދި ސްކައުޓް ހަރަކާތަކީ، ރާއްޖޭގެ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
”ކޮންމެ ސްކައުޓެއްގެ ކިބައިން ފެނިގެންދާ ހިތްވަރާއި އަޒުމާއި އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިހުތިރާމް ކުރުމާއި އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްވެސް މެއެވެ.،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އެގޮތުން އިންސާނިއްޔަތަށް ހިދުމަތް ކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައި ގޮވާލައްވައިފައިވާއިރު، އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ ރީތި ނަމޫނާ ސްކައުޓުންގެ ފަރާތުން ފެނިފައިވާކަން ފާހަގަކުރެއްވި އެވެ.
”އަޅުގަނޑުމެންގެ ގައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ގައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ހާއްސަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއް ނެތި ގައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައެވެ. ހަމައެހެންމެ، ސްކައުޓުންގެ ހިތްތަކުގައިވާ އިންސާނިއްޔަތަށް އަދި ހިލޭ ސާބަހަށް ހިދުމަތް ކުރުމާއި ކަންކަމުގައި އިސްނެގުމާއި ހުޝިޔާރުކަމާއި ހިންގުންތެރިކަމުގެ ރޫހަކީ، މުޅި މުޖުތަމައަށް ދައްކައިދޭ ހަރުދަނާ ނަމޫނާއެއްވެސް މެއެވެ.،“ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ