އިންޑިއާއަށް ފުރުމުގެ ކުރިން ދިވެހިން ވެސް ސެލްފް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭ

ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އިންޑިއާއަށް ފުރުމުގެ ކުރިން ސެލްފް ޑިކްލެރޭޝަން ފޯމެއް ފުރައި ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖެއްސުމުން، ދިވެހިން ވެސް އެ ގައުމަށް ފުރަންދާއިރު އެ ކަމަށް ސަމާލުވުމަށް މޯލްޑިވިއަނުން އެދިއްޖެ އެވެ.
ވީކިހިނެއް؟ - ކޮންގޯ އާއި ޔުގެންޑާގައި އެބޯލާ ބަލި ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ނެރެފައިވާ ކުއްލި ހާލަތާ ގުޅިގެން، އިންޑިއާގެ ޑިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)ން އެއާލައިންތަކަށް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)އެއް ނެރެފަ އެވެ.
ދަތުރުކުރާ މީހުންގެ ބަލިހާލަތު ބަޔާންކޮށް ފުރަން ޖެހޭ، ސެލްފް ޑިކްލެރޭޝަން ފޯމެއް ފުރަން ޖެހޭ ގޮތަށް ހަމަޖެއްސީ، އެ ޕްރޮސީޖާގެ ތެރެއިންނެވެ.
ތަފްސީލް - ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަނުން މިކަން ސަމާލުކަމަށް ގެނެސްދީ، އެ އެއާލައިންގެ ވެބްސައިޓުން ސެލްފް ޑިކްލެރޭޝަން ފޯމު ޑައުންލޯޑް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މޯލްޑިވިއަންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، ފުރިހަމަކޮށްފައިވާ ފޯމު ހުށަހަޅަން ޖެހެނީ، އިންޑިއާއަށް ގޮސް، އެ އެއާޕޯޓެއްގައި ހުންނަ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.
އިންޑިއާގެ ޑީޖީސީއޭން ނެރެފައިވާ އެސްއޯޕީގައި އިތުރަށް މަޖުބޫރުކޮށްފައިވާ ކަންކަމަކީ:
އެއާލައިންތަކުން ދަތުރުކުރާ ވަގުތުތަކުގައި ސިއްހީ މައުލޫމާތު އާންމުކޮށް، އިއުލާންކުރަމުން ގެންދަން ޖެހޭ 
ރޯގާ، މަސްގަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން، ހޮޑުލުން އަދި ލޭ އައުން ފަދަ އެބޯލާ ވައިރަހުގެ އަލާމާތްތައް ހުރިތޯ ސުވާލުކޮށް ސާފުކުރަމުން އައުން
އިންޑިއާއަށް އެތެރެވާތާ 21 ދުވަހުގެ ތެރޭގައި މިފަދަ އަލާމާތްތައް ފެނިއްޖެ ނަމަ، ދަތުރުވެރިން ހޮސްޕިޓަލްތަކުގެ އެހީ ހޯދައި އެއާޕޯޓުގެ ހެލްތު އޮފީހަށް އަންގަން ޖެހޭ
އެނގުން މުހިންމު - ފެތުރެމުންދާ މި ބަލިމަޑުކަމަކީ "ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް" ކަމަށް ކަނޑައަޅައި މި ބަލި ބޯޑަރު ހުރަސްކޮށް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ވަނީ ދީފަ އެވެ.
އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، 'ބުންޑިބުގްޔޯ' ނަމަކަށް ކިޔާ އެބޯލާ ވައިރަހުގެ ބާވަތަކުން ޖެހޭ މި ބަލީގައި ކޮންގޯގައި މިހާތަނަށް 220އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 900އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ