މެދުއިރުމަތީގެ ހަނގުރާމައިގައި މަރުވި މީހުން 7،000އަށް

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް 100 ދުވަސް ފުރިފައިވާއިރު، އެ ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ ޢަދަދު 7،000އަށް ވުރެ މަތިވެފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައިގައި، އީރާނަށް ވުރެ ލުބްނާނުގައި ޝަހީދުވި މީހުންގެ ޢަދަދު ގިނައެވެ.
ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން އިތުރުވީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހުދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާ ދިނުމުން، ޙިޒްބުاللهއިން އީރާނަށް ވާގިވެރިވުމުގެ ގޮތުން މާރިޗު މަހުގެ 2ވަނަ ދުވަހު ޙަމަލާތައް ދޭން ފެށުމުންނެވެ.
މިގޮތުން، ލުބްނާނުގައި މިހާތަނަށް 3،593 މީހުން ޝަހީދުވެފައިވާއިރު، އީރާނުގައި ޝަހީދުވި މީހުންގެ ޢަދަދު ހުރީ 3،468ގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ދޭން ފެށި ޢުދުވާނުގެ ރައްދުގައި، އީރާނުން ވެސް ގަލްފުގެ އެކި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވަޞީލަތްތަކަށް ހުއްޓުމެއްނެތި ވައިގެ ޙަމަލާތައް ދީފައެވެ.
އެ ޙަމަލާތަކުގައި، ގަލްފުގެ ޤައުމުތަކުން 29 މީހުން ޝަހީދުވެފައިވާއިރު، އެމެރިކާގެ 13 ސިފައިންގެ މީހަކާއި ޔަހޫދީންގެ 26 މީހުން ވަނީ މަރުވެފައެވެ.
ޖޫން މަހުގެ 3ވަނަ ދުވަހު އެމެރިކާއިން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް ތަންފީޛު ކުރުމަށް ލުބުނާންއާއި ޔަހޫދީން އެއްބަސްވެފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
ނަމަވެސް، ޔަހޫދީން ވަނީ އެ އެއްބަސްވުމާ ޚިލާފަށް ލުބްނާނަށް ނިރުބަވެރި ޙަމަލާތައް ދިނުމުގެ އިތުރުން، އެއްގަމުން ވަދެގަނެ، ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަޙައްދެއްގެ މައްޗަށް އަތްގަދަކޮށްފައެވެ.
މިގޮތުން، މިހާތަނަށް ލުބްނާނުގެ ފަސް ބައި ކުޅަ އެއް ބައި ބިންތައް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ އިސްތިޢުމާރުކޮށްފައެވެ.
މި ޣައިރުޤާނޫނީ ހަނގުރާމަ ފެށުމާ އެކު، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ދުވާލަކު 100އަށް ވުރެ ގިނަ މުދާ އުފުލާ އުޅަނދުފަހަރު އެ ކަނޑުއޮޅި ހުރަސްކުރާއިރު، ހަނގުރާމަ ފެށުނު ފަހުން އެ ޢަދަދު ވަނީ އެންމެ 7އަށް ވެއްޓިފައެވެ.
އެއާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
ހަނގުރާމައިގެ ކުރިން 70 އެމެރިކާގެ ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު 100 އެމެރިކާ ޑޮލަރަށް ވުރެ މަތިވެފައިވާއިރު، މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ އެކަމުގެ ލޮޅުންތައް އަރައިފައެވެ.
ދުނިޔޭގެ ހަކަތައާބެހޭ އިދާރާ، އައިއީއޭއިން ބުނީ، ތެލޮގެ އަގު މަތިވުމުގެ ސަބަބުން ދުނިޔޭގެ 146 ޤައުމަކުން މިހާތަނަށް ޕެޓްރޯލާއި ޑީސަލްގެ އަގު މަތިކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ