އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 1) - ފަހަތުން އަރައި 2-1 އިން ކޮންގޯ ބަލިކޮށް، އުނދަގޫ މޮޅެއް ހޯދައި، އިންގްލެންޑުން ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.
ގަދަ 16 ބުރުގައި އިންގްލެންޑުން ކުޅޭނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާ އެވެ. މެކްސިކޯ އިން ވަނީ މި ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗުން ވެސް ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފަ އެެވެ.
ކޮންގޯ އިން ފުރަަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކަށް ނުކުމެ އެ ޓީމުން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި އިންގްލެންޑް ކޮޅަށް ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މިއީ، ކޮންގޯގެ ޑިފެންޑަރު، ޗާންސެލް އެމްބެމްބާ ދިން ބޯޅައެއް ކޮންޓްރޯލްކޮށް އޭރިއާތެރެއަށް ވަދެ، ހަނި އޭންގަލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން، ބްރިއަން ކިބަމްބޭ ސިޕެންގާ ޖެހި ގޯލެކެވެ. މިއީ، ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
އޭގެ ފަހުން، އިންގްލެންޑުން ނަތީޖާ ހަމަހަމަކުރަން ފުރަތަަމަ ހާފުގައި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އޭގެއިން އެއްވެސް ބޯޅައެއް ގޯލަށް ވައްދާނުލެވުނީ، ކޮންގޯގެ ކީޕަރު، ލިއޮނަލް އެންޒާއު އެމްޕާސީގެ ހުށިޔާރުކަމުންނެވެ. އެ ގޮތުން، އޭރިއާތެރެއިން އިންގްލެންޑްގެ ޖޫޑް ބެލިންހަމް ބޮލުން ފޮނުވާލި ދެ ބޯޅައެއް އެމްޕާސީ ވަނީ މަތަކޮށްފަ އެވެ. އަދި، އޭރިއާތެރެއިން، އިންގްލެންޑްގެ މާކަސް ރެޝްފޯޑް ޖެހި ޝޮޓެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ކޮންގޯގެ ޑިފެންޑަރު، އާރޮން ވަން ބިސާކާ އެވެ.
މި މެޗުގައި އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ހުއްޓުަވަން ކޮންގޯގެ ޑިފެންޑަރުންނާއި ކީޕަރު އެމްޕާސީ ކުރި މަސައްކަތުގެ ތެރެއިން ފުރަތަމަ ހާފުގައި ކޭން އަށް ފައުލެއް ކުރި ކަަމަށް ޕެނަލްޓީއެއް ހޯދަން ކުރި އެޕީލް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފުގައި، ކޮންގޯ އިން ލީޑުފުޅާކުރުމާ ގާތަށް ވެސް ޖެހިލި އެވެ. ވަން ބިސާކާ އޭރިއާތެރެއަށް ނެގި ހުރަހަކަށް އަރައި ކޮންގޯގެ ފޯވާޑް ޖޮއާން ވިއްސާ ފޮނުވާލި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފައެވެ.
ދެ ވަަނަ ހާފު ފެށިގެން އިންގްލެންޑުން އެއްކޮށް ކަހަލަ ގޮތަކަށް ކުރިއަށް ޖެހިގެން ކުުޅުނުއިރު, ރެޝްފޯޑް ފޮނުވާލި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ބެލިންހަމް ޖެހި ބޯޅައެއް ކީޕަރު އެމްޕާސީ ވަނީ ދެ ފަހަރެއްގެ މަތިން ސަލާމަތްކޮށްފަ އެެވެ.
ދެ ވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް ފަހު، ކޮންގޯ ފަހަތުން ފަސޭހަކޮށްލައިގެން ތިބި ވަގުތެއްގައި ކޭން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، މެޗުގެ 75 ވަނަ މިނިޓްގައި، އެންތަނީ ގޯޑަން ނެގި ހުރަހަކުން ކޭން ބޮލުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު އެމްޕާސީ އަތުގައި ޖެހިފަ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، އިންގްލެންޑުން އިތުރު ލަނޑެއް ޖަހައި ކުރި ހޯދަން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ ވެސް ކޭން އެވެ. ކޭން، މި ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގައި ބަދަލަކަށް އެރި ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ކޮންގޯ އިން މެޗުގެ ފަހު ވަގުތާ ހަމައަށް ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، އިތުރު ވަގުތުގެ ފަހު މިނިޓްގައި ހިލޭ ޖެހުމަކުން ކޮންގޯގެ ވިއްސާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ކޮންގޯ ކައިރިން ހާސްކަން ފިލުވާލައި އިންގްލެންޑް ވޯލްޑް ކަޕްގެ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ