މޭރީ މަރާލި މާވިން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވި، މޭރީގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށްވެސް މިއަދު ހުކުމް އިއްވާނެއެވެ. މާވިން އުމުރަށް ޖަލަށްލާން މިއަދު ހުކުމް ކުރިއިރު، މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ކުރިން އޮތީ ކަނޑައަޅައިފައެވެ. ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއިރުވެސް މާވިން އަދި ލަމްހާވެސް ތިބީ ބަންދުކޮށްފައެވެ. މިއަދުގެ ޝަރިއަތުގައި އަދަބާމެދު ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލުވަނީ މާވިންއަކީ އަނިޔާ ލިބުނު މީހާގެ ފިރިމީހާ، އަދި އަނިޔާ ލިބުނު މީހާގެ ދަރީގެ ބައްޕަގެ އިތުރުން ނަރުހެއް ކަން ފާހަގަކޮށްފައެވެ. އަދި މޭރީ މަރާލުމުގެ އަމަލުގައި ރަހުމެއް ކުލުނެއް، ހަމްދަރުދީއެއް ނެތް ކަން ދައުލަތުން ފާހަގަ ކުރިއެވެ. ދައުލަތުން މި މައްސަލައިގައި އެދުނީވެސް މާވިން އުމުރަށް ޖަލަށްލުމަށެވެ. ދައުލަތުންވަނީ ކުށުގެ އަދަބު ވީ އެންމެ ބޮޑެއްކޮށްދިނުމަށް ވެސް އެދިފައެވެ. އަދަބާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް ފަހު މާވިންއަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން، އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށް މާވިންވަނީ ބުނެފައެވެ. މި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލަ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ސާބިތުވެފައިވާއިރު، އޭނާގެ ލޯބިވެރިޔާ، ލަމްހާގެ މައްޗަށް ސާބިތުވީ އެކަމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލާން މިއަދު ހުކުމް ކުރި އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެވަނީ އިސްލާމްވެފައެވެ. އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފަށް ބަދަލުވެސް ކޮށްފައެވެ. އެކަން އޭނާގެ ފަރާތުންވަނީ ކުރިން އިސްލާމިކް މިނިސްޓްރީއަށްވެސް އަންގައިފައެވެ. ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ