ބަންގި ގޮވުމާއެކު، ކުޅިވަރު ކުޅޭ ތަންތަނުގައި ހަރަކާތްތައް 20މިނެޓަށް މެދުކަނޑައިލަން އަންގައިފި

ބަންގި ގޮވުމާއެކު، ކުޅިވަރު ކުޅޭ އެންމެހައި ތަންތަނުގައި 20 މިނެޓަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑައިލުމަށް، ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ. ސްޕޯޓްސް މިނިސްޓްރީން އެސޯސިއޭޝަންތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައިވަނީ، ބަންގި ގޮވުމާއެކު، ކުޅިވަރު ކުޅޭ އެންމެހައި ތަންތަނުގައި 20 މިނެޓު ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑައިލައި، އެކަން ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ. އެހެންކަމުން، އެ ސިޔާސަތު ތަންފީޒުކުރުމަށް، މިނިސްޓްރީން ވަނީ އެސޯސިއޭޝަންތަކަށް އެ ސާކިއުލާގައި އަންގައިފައެވެ. މިނިސްޓްރީގެ ފަރާތުން 'ސަން'އަށް އިތުރަށް ބުނީ، ކުޅިވަރު ބައެއް މުބާރާތްތައް މިހާރު ވެސް ތާވަލުކުރެވިފައިވާ ކަމަށެވެ. ބައެއް މުބާރާތްތަކުގެ މެޗުތައް ތާވަލުކޮށްފައި އޮންނަ ގޮތުން ނަމާދު ވަގުތަށް ނުނިމުމަކީ އެކަށީގެންވާ ކަމެއް ކަން މިނިސްޓްރީގެ އޮފިޝަލް ފާހަގަކުރެއްވިއެވެ. "ބައެއް މުބާރާތްތަކަކީ މިސާލަކަށް ހަވީރު ފަހެއް ޖަހާއިރު، ނުވަތަ 5:30ގައި ފަށަން އޮންނަ މެޗެއް، ޕޮއިންޓަށް ކުޅޭއިރު ކަންދިމާކުރާ ގޮތުން ނަމާދު ގަޑި އައިސްދާނެ ދެއްތޯ، ނުނިމިދާނެ، އެކަމަކު އެ ގަޑީގައި ދެން 20 މިނެޓަކަށް މެޗެއް މެދުކަނޑައެއް ނުލާނެ، އެކަމަކު އެއްވެސް ޕްރެކްޓިސްއެއް ނަމާދު ގަޑިއަކު ކުރިއަށް ނުގެންދެވޭނެ، ޕްރެކްޓިސްތައް 20 މިނެޓަށް ޖެހޭނެ ހުއްޓައިލަން،" އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މިކަން ހަރުދަނާ އުސޫލެއްގެ ދަށުން ގެންދިއުމަށް ޓަކައި މިނިސްޓްރީން އެސޯސިއޭޝަންތަކާއި ކަމާގުޅުންހުރި އިދާރާތަކާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ. ކުޅިވަރު ކުޅޭ ބައެއް ތަންތަނުގައި މިހާރު ވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރިކަން ފާހަގަކުރައްވައި އޮފިޝަލް ވަނީ، ކުޅިވަރު ކުޅޭ ބައެއް ތަންތަނުގައި ނަމާދުކުރުމަށް އެންމެ އެކަށީގެންވާ ވަސީލަތްތައް ގާއިމްވެފައި ނެތް ކަން ފާހަގަކުރައްވައިފައެވެ. އެ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ފުރިހަމަކުރުމަށް ޓަކައި މަސައްކަތްކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. https://sun.mv/222710 ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި މަހުގެ ފުރަތަމަ ދުވަހެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުގެ މަގްސަދަކީ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ތިބޭއިރު ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރެވި ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވަނީ،" ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އާންމުކޮށް ފެންނަނީ ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި މީހުން ތިބޭ މަންޒަރެވެ. އަދި ކުޅިވަރު އެކުވެނި އާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި މިހާރު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ