ފިނޭންސް މިނިސްޓަރުކަމުން ވަކިވެ، މިވަގުތު ސަރުކާރުގެ މަގާމެއްގައި ނެތް ނަމަވެސް އަދިވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެކު އެމަނިކުފާނުގެ ސިޔާސީ ފިކުރު ކުރިއެރުވުމުގައިކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރުކަމުން އިއްޔެ ޒަމީރު އިސްތިއުފާ ދެއްވިއިރު އެ މަގާމަށް އަލައް އައްޔަނު ކުރައްވާފައި ވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު އެވެ.
މަގާމުން ވަކިވިތާ 24 ގަޑިއިރު ފަހުން މިރޭ ޕީއެންސީގެ ހަރުގޭގައި އޮތް ޖަލްސާގައި ޒަމީރު ވަނީ ސަރުކާރުގެ މަގާމުތަކަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި ،އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ޒަމީރު ވިދާޅުވީ ދުނިޔޭގެ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތާއި، އިގްތިސާދީ ގޮންޖެހުންތަކަށް ބަލާއިރު، ދައުލަތުގެ މުހިންމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ހީވާގިކަމާއެކު މަސައްކަތް ކުރެއްވޭނެ ބޭފުޅުންނަށް ވާންޖެހޭ ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، ދުނިޔެ މިހާރު އޮތީ ހަނގުރާމައެއްގެ ތެރޭގައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓަރުންނާއި އިގްތިސާދީ ދާއިރާގެ އިސް ބޭފުޅުން ރެޔާއި ދުވާލު، ތެލުގެ އަގަށް އަންނަ ބަދަލުތައް ބަލައި، އެސްޓީއޯ ފަދަ ކުންފުނިތަކާއި އެހެނިހެން ކަމާއި ގުޅޭ މުވައްސަސާތައް އެކުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ކުރަންޖެހޭކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ، ސިއްހީ ސަބަބުތަކަށްޓަކައި މަސައްކަތުގައި ދެމިނުހުރެވޭނެ ހާލަތެއްގައި ވަނިކޮށް، އެ މަގާމެއްގައި ”ބައްދާލައިގެން“ ހުރުމަކީ ޕާޓީއަށާއި ގައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ޕާޓީގައި ގާބިލު ބޭފުޅުން އެބަތިބިކަމަށާއި، އެ ފަރާތްތަކަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރާކަމަށް ޒަމީރު ވިދާޅުވި އެވެ.
އަޅުގަނޑު މިހިރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުޢިއްޒާ އެކުގައި. އެމަނިކުފާނު އަޅުގަނޑާ ހަވާލުކުރެއްވި މަސައްކަތް ކުރަން، މި ޕާޓީއާއި މި ފިކުރު ކުރިއެރުވުމަށްޓަކައި..
މީގެ އިތުރުން ޒަމީރު ވިދާޅުވީ، އޭނާއަކީ އަބަދުވެސް ޕާޓީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ހުންނާނެ މީހެއް ކަމަށާއި، އެއީ ޕާޓީގެ އިންތިހާބަކަށް ވިޔަސް ނުވަތަ އެނޫން މަގާމަކަށް ވިޔަސް، އޭނާގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި މީގެ ކުރީގައި ވެސް މަސައްކަތް ކުރީ އެގޮތުގައިކަމަށް ޒަމީރު ވިދަޅުވި އެވެ.
ސިއްހީ ހާލަތު ތަން ނުދެނީސް މަގާމުގައި ހުންނަން ބޭނުމެއް ނޫން، މިހުރީ ރައީސް މުއިއްޒާއި އެކު ގަދަކޮށް: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ