ފީފާ ވޯލްޑްކަޕް 2026 ގަދަ 16: ބްރެޒިލް - ނޯވޭ

ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި މިރޭ ބްރެޒިލް އާއި ދެކޮޅަށް ނޯވޭ ނިކުންނައިރު މިއީ މި ދެ ޓީމު ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ.
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ނޯވޭ އެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތުގެ ގަދަ 16 ގައި މިރޭ ބްރެޒިލް އިން ނިކުންނާނީ އެ މެޗުން ބަދަލުހިފުމުގެ ރޫހުގަ އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލް އިން މި މުބާރާތުގެ ގަދަ ސޯޅައިގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ބުރުގައި ޖަޕާން 2-1 ގެ ނަތީޖައަކުން ބަލުކުރުމަށްފަހުގަ އެވެ. ނޯވޭ އިން ގަދަ 16 ގެ ޖާގައެއް ހޯދާފައިވަނީ އައިވަރީ ކޯސްޓް 2-1 ގެ ނަތީޖައަކުން ދެވަނަ ބުރުގައި ބަލުކުރުމަށްފަހުގަ އެވެ.
އެމެރިކާގެ ނިއު ޔޯކު ނިއު ޖާރޒީ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ދެ ޓީމު ނިކުންނައިރު މިއީ ދުނިޔޭގައި މިވަގުތު ތިބި އެންމެ ނުރައްކާތެރި ދެ ފޯވަޑުންގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާ އާއި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑްގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަ ކުރެވޭ މި މެޗަށް ބްރެޒިލް ނިކުންނައިރު އެ ޓީމަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ކޯޗު ކާލޯ އެންޗެލޮއްޓީ ގެންނާނެކަމަށް ވަނީ ބެލެވިފަ އެވެ.
25 އަހަރުގެ ހާލަންޑް ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރާއިރު މި މުބާރާރުގައި ނޯވޭ އިން ޖެހި 10 ލަނޑުގެ ތެރެއިން 5 ލަނޑު ޖެހުމުގައި އޭނާވަނީ ބައިވެރިވެފަ އެވެ.
1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕްގައި ބްރެޒިލް ބަލިކުރި ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭރު ހުރި ސްޓޭލް ސޮލްބާކެން އަކީ މިހާރު ނޯވޭގެ ކޯޗެވެ. އޭނާ މި މެޗުގެ ކުރިން ބުނެފައިވަނީ ބްރެޒިލް އަކީ މި މުބާރާތުގެ ފޭވަރިޓުން ކަމަށާއި ނަމަވެސް އެމީހުންނަށް ވަރުގަދަ ފައިޓެއް ނޯވޭ އިން ދޭނެ ކަމަށެވެ. އަދި ނޯވޭ އިން މި މެޗަށް ނިކުންނާނީ ބްރެޒިލް ބަލުކުރުމަށްފަހު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމަށް ކަމަށްވެސް ކޯޗުވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ