ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން އުޅޭކަމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކި ކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަޤާމު އުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުންކަމަށްވެސް އެމްޑީޕީން ތުހުމަތު ކޮށްފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު މަޤާމުން ވަކި ކުރުމަށް މިހާރު ސަރުކާރުން ރާވާފައިވާކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވާ މަޤާމުތަކަށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފްގެ އިތުރުން، މިހާރު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ދެބޭފުޅަކު އައްޔަނު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހެދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެގޮތުން ޖުޑީޝަރީއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށްޓަކައި ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަކީ އެ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރާކަން ފާހަގަކޮށް އެމްޑީޕީން ވަނީ އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
އޭގެ އިތުރުން، ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެމްޑީޕީން ދެމިއޮންނާނެކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލު ކުރުމުން އެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިންއެވެ.
މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން، އެ ޤާނޫނަކީ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާގޮތަށް އެކުލަވާލާފައިވާ ޤާނޫނެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.
ޤާނޫނަށް ގެނެސްފައިވާ މި އިސްލާޙަށް އަމަލު ކުރެވެމުންދާ މުއްދަތުގައިވެސް މި އިސްލާޙަކީ މިހާރު މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުންގެ މައްޗަށް ރަޖުއީކޮށް ތަތުބީޤު ކުރެވޭނެ (ފަހުން ހަދާ ޤާނޫނެއް ކުރިން ހިނގި ކަމެއްގެ މައްޗަށް ހިންގޭގޮތަށް އޮތުން) އިސްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގައި އެދިފައިވެއެވެ.
ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ.
މިގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ