ފެހުރިހި އުޅޭ "ސަމްޕާ" ސަރަހައްދަށް ވަންނަ އުޅަނދުތަކުގައި ޕްރޮޕެލާ ގާޑު އަޅުވަން އިތުރު މުއްދަތެއް

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި މި މަހުގެ ނިޔަލަށް "ޕްރޮޕެލާ ގާޑު" ހަރުކުރުމަށް ދީފައިވާ މުއްދަތަށް ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތެއް ދީފި އެވެ.
މީގެ ހަ އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެއީ ފެހުރިހި ކާނާ ހޯދަން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޖަމާވާ ސަރަހައްދު ކަމަށް ވާތީ ފެހުރިހި ބަލަން ގިނަ އަދެއްގެ ޓޫރިސްޓުން އެ ތަނަށް ގޮސް އުޅުމުގެ ތެރޭގައި މީހުންނާއި ފެހުރިއްސަށް ވެސް އުޅަނދުތަކުގެ ބުރަފަތިން އަނިޔާވެ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. 
އެހެންވެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި މިދިޔަ އަހަރު ފެބްރުއަރީ މަހު ވަނީ ސަރުކާރުން އިއުލާނުކޮށްފަ އެވެ. 
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ސަމްޕާ ސަރަހައްދަށް ވަނުމަށް މި މަހުގެ 30 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުއްދަތެއް (ގްރޭސް ޕީރިއަޑެއް) ލިބޭނެ ކަމަށެވެ.
"މި މުއްދަތު ހަމަވުމުން މި ސަރަހައްދަށް [ސަމްޕާ] ވަނުމަށް އެދި ރަޖިސްޓްރީ ކޮށްދެވޭނީ ޕްރޮޕެލާ ގާޑު އެޅުވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް އެކަންޏެވެ. ނަމަވެސް 30 ޖޫންގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުތަކާއި އަދި އެ މުއްދަތުގެ ކުރިން މި އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް އިތުރު މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެ މުއްދަތުގެ ކުރިން އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ވެސް އީއާރްއޭ އިން ވަނީ އެދިފަ އެވެ. އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
އުޅަނދު ރަޖިސްޓްރީ ކުރާނީ "ވަންގަވް" މެދުވެރިކޮށް ކަމަށާއި ރަޖިސްޓްރީ ކުރަން އެދި ހުށަހެޅުމުގެ ކުރިން އެ އުޅަނދަކީ ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ މިންގަނޑުތަކަށް ފެތޭ އުޅަނދެއްކަން ކަށަވަރު ކުރުމަށް ވެސް އީއާރްއޭ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ