ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ އިސްތިއުނާފު ހުކުމް މިއަދު
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު ހުކުމް މިއަދު ކުރަން ތާވަލުކޮށްފިއެވެ. ޓެކްސީ ޑްރައިވަރު ގާސިމް، އަނިޔާވެރިކޮށް މަރާލާފައިވަނީ ހުޅުމާލޭގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަލައިގައި، އަދުހަމުގެ މައްޗަށް އޮތީ ކްރިމިނަލް ކޯޓުން މަރުގެ އަދަބު ކަނޑައަޅާފައެވެ. އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީއެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފައެވެ. އެ ހުކުމް ނިހާއީ ހުކުމަކަށް ކަނޑައެޅުމުގެ މަރުހަލާ ހައިކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައިގައި މިއަދު އޮތީ ހައިކޯޓުގެ ހުކުމް އިއްވުމެވެ. ހައިކޯޓުން މައްސަލައިގެ ހުކުމް އިއްވާނީ މެންދުރުއެވެ. މި މައްސަލައިގައި ހައިކޯޓުގެ ޝަރިއަތުގެ މަރުހަލާގައި، އަދުހަމްގެ ފަރާތުން، ގާސިމްގެ އާއިލާގެ އެއްވެސް މީހަކަށް ގުޅަން އެއްވެސް މަސައްކަތެއް ނުކުރުމަށް ޝަރިއަތުންވަނީ މީގެ ކުރިން އަންގައިފައެވެ. އިސްތިއުނާފު އަޑު އެހުމުގައި ދައުލަތުގެ ވަކީލުންވަނީ ގާސިމްގެ އާއިލާއާ ހަވާލާދީ، އަދުހަމްއާ ދައްކަން ޖެހޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ. އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ޝަރީއަތުގައި ގާޒީ ވިދާޅުވެފައި ވަނީ ގާސިމަށް ހަމަލާދިން ސަބަބާ ބެހޭ ގޮތުން އެކި ފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ވަޅި ހެރި ކަމަށް އޭނާ ކޮންމެ ފަހަރަކު ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައި ވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައި ވާތީ އެކަމާ ބެހޭ ގޮތުން ގާޒީ ވިދާޅުވީ، މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ. ގާސިމް މަރާލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމްގެ މަރުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަށެވެ. ދައުލަތުން މައްސަލަ ހައިކޯޓަށް ހުށަހެޅީ އަދުހަމްގެ ފަރާތުން އިސްތިއުނާފު ނުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ