ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެއް ”ޕެޓާން“އަކަށް ކަރަންޓު ބޭނުން ކުރެވެމުންދާކަން ފާހަގަ ކުރެވިފައިވެއެވެ. މިގޮތުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވާކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ފަރާތުން މަޢުލޫމާތު ދެމުން ބުނީ، ހެނދުނު 6 އިން 9 އަށް ކަރަންޓު ބޭނުންކުރާ މިންވަރު އެއްހަމައެއްގައި މަތިވަމުން ގޮސް، ހެނދުނު 9 އިން މެންދުރު 1 އާ ހަމައަށް އިތުރަށް މަތިވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. މިހެން ދިމާވަނީ މި ގަޑިތަކަކީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށްވުމާއި، އޮފީސް ގަޑިއަށްވާތީ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
އިތުރަށް ސްޓެލްކޯއިން ބުނީ، މެންދުރު 1 އާއި ހަވީރު 5 އާ ދެމެދުގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ކަމަށެވެ. މިއީ ހޫނުވުމުގެ އިތުރުން، ރަމަޟާން މަސް ކަމުން މި ވަގުތަކީ ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތަކަށްވާތީ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ހަވީރު 5 އިން ރޭގަނޑު 7 އަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވި ނަމަވެސް، އޭގެ ފަހުން ދަންވަރު 12 އާ ހަމައަށް މެންދުރުގެ ލޯޑާ އެއްވަރަކަށް ކަރަންޓު ބޭނުންކުރެވޭ ކަމަށްވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމުގެ ސަބަބުން ޤައުމުގެ ހަކަތައިގެ ވަސީލަތްތައް އިގްތިޞާދުކުރެވި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ