މީސްމީޑިއާގެ ސަބަބުން ފަންނާނުންނާއި އާންމުން މުއާމަލާތްކުރާ ގޮތް ވަނީ މުޅިން ބަދަލުވެފައި: ރަވީނާ
ނުވަދިހައިގެ އަހަރުތަކުގައި ފެތުރިފައި އޮތް "ޔެލޯ ޖާނަލިޒަމް" ނުވަތަ އަސްލެއް ނެތް ޚަބަރުތައް ފެތުރުމުގެ ސަބަބުން ކެރިއަރަށް ކުރި ނުފޫޒާ ގުޅޭގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން ވާހަކަދައްކައިފިއެވެ. ރަވީނާ ފާހަގަކުރި ގޮތުގައި، އެ ދުވަސްވަރު މީޑިއާތަކުން ފަންނާނުންގެ ތަސްވީރު ކުރަހައިދޭ ގޮތް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ފަންނާނުންނަށް ވަރަށް ކުޑައެވެ. ނޮޓް ޑަން ޔެޓް"ގެ ދެވަނަ އެޕިސޯޑުގައި މާލިނީ އަގަރްވާލްއާ ވާހަކަދައްކަމުން ރަވީނާ ބުނީ، މީސްމީޑިއާގެ ސަބަބުން ފަންނާނުންނާއި އާންމުން މުއާމަލާތްކުރާ ގޮތް މިއަދު މުޅިން ބަދަލުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ފެތުރޭ ޚަބަރުތަކަށާއި ކުރިމަތިވާ ހޫނު މައްސަލަތަކަށް ސީދާ ރައްދުދިނުމުގެ ބާރު ފަންނާނުންނަށް ލިބިފައިވާކަން ރަވީނާ ފާހަގަކުރިއެވެ. ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަން ދަރިފުޅު އަދި މިހާރުގެ ޒުވާން ފިލްމީ ތަރި ރަޝާ ތަޑާނީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ "އޭރުގެ ޔެލޯ ޖާނަލިޒަމް އޮތީ އެއްވެސް ކޮންޓްރޯލެއް ނެތް ހާލަތެއްގައި. މިހާރު އިންސްޓަގްރާމް ފަދަ ވަސީލަތްތަކުން ޕޯސްޓެއް މެދުވެރިކޮށް އާންމުންނާ ސީދާ ގުޅި، ހަގީގަތް ހާމަކޮށްދެވޭ ގޮތަށް އޭރު އެ ފުރުސަތެއް ނޯވޭ" ރަވީނާ ބުންޏެވެ. މީގެ އިތުރުން ރަވީނާ ބުނީ، އޭރު މީޑިއާގެ އެޑިޓަރުންގެ ގާތް މީހުންނަށް ނޫސްތަކުން ބޮޑެތި ފައިދާތަކެއް ލިބޭއިރު، އަމިއްލަ ދިރިއުޅުން ސިއްރުކުރަން ބޭނުންވާ ފިލްމީ ތަރިންނަށް އެކަން ކުރުން އޮތީ ވަރަށް ދަތި ކަމަކަށް ވެފައި ކަމަށެވެ. އަދި ފަހުން މާފަށް އެދުނަސް ނުވަތަ ކަންހިނގި ގޮތް ސާފުކޮށްދިނަސް، ނޫސްތަކުގެ ސުރުޚީތަކުން ލިބޭ ގެއްލުމަކީ ފޫބެއްދޭނެ އެއްޗެއް ނޫން ކަމަށް ރަވީނާ ވަނީ ބުނެފައެވެ. "އޭރު އޮންނަނީ ޖެހިގެން އަންނަ ދުވަހުގެ ސުރުހީއަށް އިންތިޒާރު ކުރުން. ފަހުން މާފަށް އެދުނަސް އޭގެ އެއްވެސް ބޭނުމެއް ނޯވޭ. ސަބަބަކީ އެ ސުރުހީގެ ސަބަބުން މީހުންގެ ސިކުނޑީގައި އެކަން ބަދަލުނުކުރެވޭ މިންވަރަށް ބަހައްޓައި، ދޭންވީ ގެއްލުން ދީ ނިމޭތީ" ރަވީނާ އިތުރަށް ކިޔައިދިނެވެ. މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ރަވީނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ސަންޖޭ ދަތާ އެކު މުހިއްމު ރޯލެއް ކުޅުނު ފިލްމު "ގުދުޗަޅީ" އިންނެވެ. ރަވީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 26ގައި ރިލީޒްކުރާ "ވެލްކަމް ޓު ދަ ޖަންގަލް" އާއި ސޫރިޔާގެ "ވިޝްވަނާތު އެންޑް ސަންސް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ