ސްކޫލް ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ސްކޮލަޝިޕް ދޭން ވިސްނަނީ

މަތީ ސާނަވީ އިމްތިހާނު ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ އެމްޑީ މިފަދައިން ވިދާޅުވީ މާލޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ހަކަތައިގެ ދާއިރާގައި ހިދުމަތް ކުރާނެ ދިވެހިން ކުރިމަގުގައި އުފައްދަން ޖެހޭ ކަމަށާއި އެ ދާއިރާއިން މީހުން ބިނާކުރަން ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަހަރު ހަތް މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އޭގެބޭނުމަކީ އެ ދާއިރާއަށް ހުނަރުވެރިން ޒުވާނުން އިތުރު ކުރުން ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށުނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ހިދުމަތްދެވި ތަރައްގީ ކުރެވެމުން އައިސް މިހާރުގެ ސްޓެލްކޯ އުފެއްދީ 1997 ވަނަ އަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ