އަލީ ވަހީދަށް ކުރާ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފި އެވެ.އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.ޓުއަރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ލިބޭ އަލީ ވަހީދު ރާއްޖެއިން "ގެއްލުނީ" ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރު ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.އަލީ ވަހީދާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ހަތް ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވެސް ހުކުމްކޮށްފައެވެ.އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އަލީ ވާހިދު ކޯޓަށް ހާޒިރު ކުރެވިފައިނުވާތީ އަޑުބަރޭ ވަނީ 15 ދުވަހަށް ޖަލަށްލައިފައެވެ.ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ގޮސް ފިލައިގެން އުޅޭ އަލީ ވަހީދު ގެނައުމުގައި ހުރަސްތަކެއް ހުރިކަން މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނުނު ނަމަވެސް، އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެ އިޖުރާއަތްތައް ހިނގާނީ އެކި ގޮތަށް ކަމަށް ސީޕީ މީގެ ކުރިން ވިދާޅުވި އެވެ.ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެއީ އޭނާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައިގެންނެވެ.އަލީ ވަހީދުގެ މައްސަލަ އަނބުރާ ފޮނުވާލިކަން އަންގާފައިވާ ކްރިމިނަލް ކޯޓުގެ ލިޔުމުގައިވާ ގޮތުން, މައްސަލަ އަނބުރ ފޮނުވާާލީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިދޭ އިހުތިޔާރުގެ ތެރެއިންނެވެ.އެ މާއްދާގައި ބުނާ ގޮތުން، ޝަރީއަތް ހިންގޭ މީހަކު ހާޒިރުކުރުމަށް އެތައް ފަހަރަކު މަސައްކަތް ކުރުމަށް ފަހު ވެސް ހާޒިރުކުރެވޭ ގޮތް ނުވެއްޖެ ނަމަ ނުވަތަ އެ މީހަކު އުޅޭ ތަނެއް ވެސް ސާފުނުވެ ހާޒިރުނުކުރެވޭ ގޮތްވެއްޖެ ނަމަ އެ މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލެވޭނެ އެވެ.އެ ގޮތަށް މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލާނީ، އެ މީހަކު ޝަރީއަތަށް ހާޒިރުކުރެވޭ ގޮތް ހަމަޖެހުމުން އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭ ގޮތަށެވެ.އަލީ ވަހީދުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އެނގޭ ގޮތުގައި އޭނާ މިވަގުތު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުގައި އޭނާ މިހާރު މަސައްކަތް ކުރައްވަނީ ފުޓުބޯޅަ ޓީމެއްގެ ކޯޗެއްގެ ގޮތުގަ އެވެ. އެއީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ، ސްޕޯޓިން ލަންޑަން އެފްސީގަ އެވެ. ކޯޗިންގެ މަސައްކަތަަކީ އެ ގައުމުގައި އޭނާ ކުރިން ވެސް ކުރެއްވި މަސައްކަތެކެވެ.އަލީ ވަހީދަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަދި އެއީ ސިޔާސީ ގޮތުން އޭނާއަށް ގެއްލުން ދިނުމަށް ފްރޭމްކޮށްގެން ބާރުގަދަ ބަޔަކު ކުރި ކަމެއް ކަމަށް ބުނެފައިވެ އެވެ. އެއީ ސީދާ ކޮން ބަޔަކު ކުރިކަމެއް ކަމަށް ވިދާޅުނުވިޔަސް އެމްޑީޕީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ