ކޮލެޖު އޮފް ޕޮލިސިންއަކީ، ފުލުންގެ ޚިދުމަތުގެ ބޮޑު ބަދަލުގެ ފެށުން: ކޮމިޝަނަރ

ފުލުހުންގެ ތަމްރީން މަރުކަޒު، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު ބަދަލެއް ގެންނާނެ ފެށުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، މި ތަމްރީން މަރުކަޒުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔަ، ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
34 ވަނަ ޕޮލިސް ޓްރެއިނިން އިނީޝަލް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. ފުލުހުންގެ އަސާސީ ތަމްރީން ކޯސް 197 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 49 އަންހެން ބައިވެރިންނާ، 149 ފިރިހެން ބައިވެރިންނެވެ.
ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ޑިއުޓީ ބެޓްން ހަވާލުކޮށްދެއްވާފައެވެ. ކޯހުން 1 ވަނައަށް އައި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ. ކޮމިޝަނަރ އެކްސަލަންސް އެވޯޑް ޙާސިލުކުރި ދަރިވަރަށް އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މި އެވޮޑް ހާސިލްކޮށްފައިވަނީ ކޮންސްޓަބަލް، މުޙައްމަދު މިސްދާދް މީޝާގެވެ.
މިއީ އައްޑޫ ސިޓީގައި ޤާއިމުކުރި ފުލުހުންގެ ޓްރެއިނިން ފެސިލިޓީ، ނެޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ފުރިހަމަކުރި ފުރަތަމަ އަސާސީ ތަމްރީން ކޯހެއެވެ. އަދި މިއީ ދިވެހި ފުލުހުންގެ ތާރީޚުގައި، އަސާސީ ތަމްރީން ކޯސް އެއްފަހަރާ އެންމެ ގިނަ ބައިވެރިންނާއެކު ހިންގި ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންގެ ޤާނޫނާއި، ފުލުހުންނަށް ތަމްރީން ދިނުމަށް ޚާއްސަ މަރުކަޒާކީ ފުލުހުންގެ ޚިދުމަތް އިސްލާހުކޮށް ހަރުދަނާކުރުމަށް ކުރެވުނު އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތްކަމަށެވެ. ޚާއްސަކޮށް ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލަށް، ފުލުހުންނަށް ބޭނުން ޒަމާނީ ތަމްރީނާއި ތަޖުރިބާ ދިނުމަށް ހުޅުވުނު ދޮރެއްކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮލެޖުގެ ޚިދުމަތް މިދިޔަ އަހަރު ފަށާ، ވޭތުވެ ދިޔަ 6 މަސްތެރޭ ވަނީ 350ގިނަ ފަރާތަށް އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ.
ކޮމިޝަނަރ ޙަމީދު ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަން ހުރިކަމަށެވެ.
ސައިބަރ ކުށްތަކާއި، ޓެރަރިޒަމާއި، މަސްތުވާތަކެއްޗާއި އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ދާއިރާއަކީ، އެފަދަ މައްސަލަތައް ބެލުމުގައި ފުލުހުންނަށް އިތުރު ތަމްރީންތައް ބޭނުންވާ ދާއިރާތައްކަން ސީޕީ ފާހަގަކުރެއްވިއެވެ.
ޓްރެއިނިން އިންސްޓިއުޓަކީ، މި ޢަމާޒަށް ދަތުރުކުރުމަށް ހުޅުވުނު ދޮރުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތާއި، ރާއްޖޭގެ ކުށުގެ ވެއްޓާއި ގޫޅޭ ދިރާސާތައް ކުރެވި، އެއިރަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީންތައް މިތަނުން ދެވިގެންދާނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.
"ޢަމާޒަކީ ކުށް މަދު، އަމާން މުޖުތަމަޢުއެއް ބިނާކުރުން. މި ކޮލެޖަކީ ފުލުހުންގެ ޚިދުމަތަށް ބޮޑޫ ބަދަލެއް ގެންނާނެ ތަނެއް. މުހިންމު ބަދަލުތަކެއްގެ ފެށުން." ކޮމިޝަނަރ ވިދާޅުވިއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕިލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި އިންސްޕެކްޓަރ ކޯސް، ކްރިމިނަލް އިންވެސްޓިގޭޝަނާއި ގުޅޭ ކޯސް އަދި ބޭރުގެ އެކި މުއައްސަސާތަކާއި ގުޅިގެން ހިންގާފައިވާ ކުރު މުދަތުގެ ކޯސްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ