ފޯޅަވަހި ލިބިއްޖެ ނަމަ ރާއްޖޭގެ ސައްތައިން ސައްތަ މުސްލިމުކަން ގެއްލިދާނެ: އުމަރު ނަސީރު

ފޯޅަވައްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެ ނަމަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނިމުމަކަށް އަންނާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަހާ ގުޅުވައިގެން "ކުރި ޖިހާދު- ކުރަން އޮތް ޖިހާދު"ގެ ނަމުގައި އުމަރު ނަސީރު އިސްނަންގަވައިގެން ބޭއްވި ހަރަކާތުގައި އޭނާ ވިދާޅުވީ، ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސިޔާސީ ލީޑަރުން ވާހަކަދައްކަވާއިރު ވިސްނަންވީ މުހިންމު ކަމެއް އެބައޮތް ކަމަށެވެ. އުމަރު ވިދާޅުވީ ފޯޅަވައްސަށް ނިސްބަތްވާ ތިންހާހެއްހާ މީހުން އިނގިރޭސިވިލާތުގައި ތިބި ކަމަށެވެ. ފޯޅަވަހި މިނިވަންވާ ދުވަހަކުން އެމީހުން އެރަށަށް ދާނޭ ކަމަށާއި، ފޯޅަވަހި އެއީ ދިވެހިންގެ ތަނަކަށް ވެއްޖެ ނަމަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނިމުމަކަށް އަންނާނޭކަމަށެވެ. "ޗާގޯސް މިނިވަންވެ މޮރިޝަސް ނުވަތަ ދިވެހިރާއްޖޭގެ ދަށަށްދާ ދުވަހަކުން އެ 3000 މީހުން އަނބުރާ ފޯޅަވައްސަށް ދާނެ. އެ މީހުންނަކީ މުސްލިމުންނެއްނޫން. ފޯޅަވެއްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެނަމަ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް އަޅުގަނޑުމެން ވާނެތޯ؟ ނުވާނެ،" އުމަރު ނަސީރު ވިދާޅުވިއެވެ. މި ހަރަކާތުގައި އުމަރު ވިދާޅުވީ، ފޯޅަވަހި މައްސަލާގައި ރާއްޖެއިން މިހާތަނަށް ދަމަހައްޓަމުން އައި ސިޔާސަތު އަދުގެ ސަރުކާރުން ބަދަލުކުރީ އިންޑިއާއިން ބުނެގެން ކަމަށާއި، ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުކޮށްގެން ނުވާނޭކަމަށެވެ. އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ހިންގަނީ އިންޑިއާއިން ކަމަށާއި، މިކަން އަދުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މިގޮތުން ރާއްޖޭގެ ހާރިޖީ ވަޒީރަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމާއި ރާއްޖެއަށް ލޯނުގެ އެހީތައް އިންޑިއާއިން ދެނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާއިން ބޭނުންވާ ގޮތަށް ބައްޓަން ކުރާތީ ކަމަށް އުމަރު ނަސީރު ތުހުމަތު ކުރެއްވިއެވެ. ފޯޅަވަހި މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެކެވަޑައިގަންނަވާ ގޮތް ހާމަކޮށްފައިވާއިރު، އަދުގެ ސަރުކާރުން ފޯޅަވަހި މައްސަލައިގައި ގޮތް ނިންމާފައިވަނީ މޮރިޝަސްއާ އެއްކޮޅަށެވެ. ފޯޅަވަހި މައްސަލައިގައި އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ފޯޅަވަހީގެ ހަގީގީ ހައްގުވެރިންނަކީ ދިވެހިންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަމުގައި އުޅުނީ ދިވެހީން ކަމަށާއި، ޚާއްސަ ގޮތެއްގައި ފުވައްމުލަކު މީހުންކަމަށެވެ. އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހީންނަށް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ