މޫސުން: އުތުރު ފިޔަވައި އެހެން ސަރަހައްދުތަކަށް ވިއްސާރަކުރާނެ

ރާއްޖޭގެ އުތުރު ފިޔަވައި އެހެން ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން "ވީނިއުސް" އާއި ވާހަކަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، މިއަދު ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުަތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެއްވި، މީޓްރޮލިޖިސްޓް ވިދާޅުވީ، ކުރިއަށްއޮތް 3 ދުވަހުވެސް ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ. އަދި މި ފެށޭ ހަފްތާގެ ކުރީކޮޅު އުތުރާ މެދުރާއްޖެތެރެއަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވި ނަމަވެސް، ހަފްތާގެ ފަހުކޮޅު މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރުމަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ، މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.
މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ