ކުއްލިއަކަށް ޓެކްސް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވެފައިމިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރު ހުށަހަޅާފައިވާ ބިލަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ކުރެއްވިއިރު އަނެއްބައި މެމްބަރުން އެކަމާއި ދެކޮޅު ހައްދަވާފައިވާ ވަގުތެއްގައެވެ.
ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިންގުމުގައި ތަކުރާރުކޮށް ކަންކަން މިސްމެނޭޖް ކުރަމުން ދިއުމާއި, ކުރަމުންދާ ބޭކާރު ޚަރަދުގެ ސަބަބުން ވަމުންދާ ގެއްލުން ފޫބެއްދުމަށް ރައްޔިތުން ދައްކަމުންދާ ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
އަދި މިބިލް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.
މެމްބަރު ހަސަން ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ފޮނުވީތީ ރަބަރ ސްޓޭމްޕް ޖަހާގޮތަށް އެކަމަކީ ފާސްކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ޖުލައި މަހުއެވެ. އެގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާއިރު، ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވަނީ 16 އިންސައްތައަށެވެ.
ސަރުކާރުން މިބަދަލު ގެންނަން ނިންމާފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށާއި، އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުންނެވެ.
މީގެއިތުރުން، އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި، ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖަޢާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މީގެކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް ސަރުކާރުގެ މި ނިންމުމަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ. އެގޮތުން، ދަރަނި ރީސްޓްރަކްޗަރ ކޮށް، ހަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
2011 ވަނަ އަހަރު ވުޖޫދުވި ގާނޫނާއެކު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު ރޭޓު ހުރީ 3.5 އިންސައްތައިގައެވެ. އެއަށްފަހު މިހާރު ނަގަމުންދާ 6 އިންސައްތައަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު ޓޫރިޒަމް ޖީއެސްޓީ ތައާރަފްކުރިއިރު 8 އިންސައްތައިގައި ހުރުމަށްފަހު މިހާރު ނަގަމުންދާ 12 އިންސައްތައަށް ބޮޑުކުރީ 2014 ވަނަ އަހަރުއެވެ.
ޓެކްސް ބޮޑުކުރަން ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް: މެމްބަރު ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ