ރާނީ އެލިޒަބަތުގެ ވެރިކަމުގައި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ލިބުނު: މެމްބަރު ގާސިމް

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ވެރިކަމުގައި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް އިނގިރޭސި ދައުލަތުގެ ފަރާތުން ލިބިގެން ދިޔަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިގަދައިން ވިދާޅުވީ ރާނީ އެލިޒަބަތު ދެވަނަ އަދި ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް މަޖިލީހުގައި ތަމްސީލުކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފުރުސަތު ދެއްވުމާއި ގުޅިގެން ޖުމުހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުންނެވެ.
މެމްބަރު ގާސިމް ވިދާޅުވީ ކްއީން އެލިޒަބަތުގެ ވެރިކަމުގައި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް އިނގިރޭސި ދައުލަތުގެ ފަރާތުން ލިބިގެން ދިޔަ ކަމަށާއި އަދި ވަރަށް ގިނަ އެހީތެރިކަންވެސް އެކަމަނާ ދެއްވި ކަމަށެވެ.
އިނގިރޭސިވިލާތުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތު ފަހިކޮށްދެއްވާކަން ފާހަގަކުރައްވާ ގާސިމް ވަނީ ރާނީ އެލިޒަބަތުގެ ޒަޢާމަތުގައި ރާއްޖެއަށް ހިމާޔަތްތެރިކަން ލިބިގެންނުދިޔަނަމަ ރާއްޖެއަށް ވަރަށް ބޮޑެތި ނިކަމެތެރިކަމެއް ލިބިގެންދިޔައީސް ކަމަށެވެ.
އަދި އެކަމަށްޓަކައި ދިވެހިން އެކަމަނާއަށް ޝުކުރު އަދާކުރަންޖެހޭކަން ފާހަގަކުރާ މެމްބަރު ގާސިމް ވަނީ އިގިރޭސި ރަސްކަމުގެ ތަޚުތަށް، ރާނީ އެލިޒަބަތުގެ ދޮށީ ފިރިހެން ދަރިކަލުން އަދި ވަލީއަހުދުގެ މަގާމުގައި ހުންނެވި އުމުރުފުޅުން 73 އަހަރުގެ ޗާލްސް 3 ވަނައަށް މަރުހަބާ ދަންނަވާފައެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރާނީ އެލިޒަބަތު ވެޑުވުނީ 1952 ވަނަ އަހަރުއެވެ. އެކަމަނާ ތަޚުތުގައި ވެޑުވުނުތާ 70 އަހަރުފުރުން މިއަހަރުގެ ކުރިކޮޅު ފާހަގަ ކޮށްފައިވާއިރު، އިނގިރޭސި ރަސްކަމުގެ ތަޚުތުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ހުންނެވީވެސް ރާނީ އެލިޒަބަތެވެ.
އިނގިރޭސި ރަސްކަމީ ދުނިޔޭގެ އެންމެ ދުވަސްވީ ރަސްކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ